އައްޑޫސިޓީގެ ހިތަދު އާއި ހުޅުމީދޫ ގުޅާލުމުގެ ގޮތުން އަޅަން ނިންމާފައިވާ ބްރިޖުގެ މަސައްކަތްތަކަށް ފަންނީ ލަފާ ދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ވަނީ އައްޑޫ ބްރިޖްގެ މަސައްކަތްކުރުމަށް ހަދަންޖެހޭ ސާވޭ، ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓް، ޓެކްނިކަލް ސްޕެސިފިކޭޝަން ހިމެނޭ ގޮތަށް ކޮންސަލްޓަންސީ ސާވިސް ދޭނެ ފާމެއް ހޯދުމަށް އިޢުލާން ކޮށްފަ އެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޝައުގުވެރިކަން ފާޅުކުރާއިރު ކުންފުނީގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔުންތައް ހުށަހަޅަން ޖެހެ އެވެ. މީގެތެރޭގައި ކުންފުނީގެ ފަންނީ ގާބިލްކަން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މަސައްކަތްތަކުގެ އަގު، މުވައްޒަފުންގެ އަދަދު ފަދަ މައުލޫމާތު ހުށަހަޅަން ޖެހެ އެވެ.
ބީލަން ހުށަހެޅުމަށް ފުރުސަަތު ދިނުމަށް ހަމަޖެހިފައިވަނީ ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ވަކި ބަޔަކަށެވެ.
އައްޑޫ ބްރިޖު ޑިޒައިންކޮށް، ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް ކުރީ މިސްރުގެ ދި އަރަބް ކޮންޓްރެކްޓާސް އެވެ.
އައްޑޫ ބްރިޖަކީ ކޯޒްވޭ ހިމެނޭހެން 14-15 ކިލޯމީޓަރުގެ ބްރިޖެކެވެ. ސަރުކާރުގެ އަމާޒަކީ މިދައުރުގެ ތެރޭގައި މުޅި މަޝްރޫއު ނިންމާލުމެވެ.