އެމްޓީސީސީ

ބޮޑުތަކުރުފާނު މަގުގެ އުތުރުކޮޅު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

0%
0%
0%

ޖުމްހޫރީ މައިދާނުގެ ކުރިމަތިން އޮންނަ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.

އެމްޓީސީސީއާ މިއަދު ހަވާލުކުރީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރޯމަސް މާރުކޭޓް ހިންގާ އިމާރާތާ ހަމައަށް އޮންނަ ސަރަހައްދު ހެދުމަށެވެ.

މިމަޝްރޫއު ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހުގެ ރޭ އިއްޒުންދީން ފާލަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ރޯދައިގެ ފަހުން މި މަޝްރޫއު ފެށުމަށްފަހު މިއަހަރު ނިމުމުގެ ކުރިން މަސައްކަތް ނިންމައި މަގު ހުޅުވާލާނެ ކަމަށްވެސް ރައީސް އެރޭ ވިދާޅުވި އެވެ.

އެމްޓީސީސީ އިން މިއަދު ބުނީ އެ ކުންފުންޏާ ހަވާލުކުރި ބޮޑުތަކުރުފާނު މަގުގެ ބައި ހަދާ ނިމޭއިރު މަގުގެ އެ ސަރަހައްދު އިތުރަށް ފުޅާކޮށް، މަގުގައި ދެކޮޅަށް ފަސޭހައިން ދުއްވޭ ގޮތް އަދި ޕާކް ކުރާނެ ޖާގަވެސް ހަމަޖައްސާނެ ކަމަށެވެ.

މަގު ހަދާ ނިމޭއިރު މަގުގެ އުތުރުކޮޅުގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

މިމަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގު ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމަށް ހަމަޖެހިފައިވެ އެވެ.

މީގެއިތުރުން ތާރު އަޅާ ސަބްބޭސް ތައްޔާރުކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ޑްރެއިނޭޖު ސާވިސް ލައިން އެޅުމާއި، މަގު ބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުންވެސް ހިމެނެ އެވެ.

އެމްޓީސީސީއާ މިމަޝްރޫއު ހަވާލިކޮސްފައިވަނީ 144.5 މިލިއަން ރުފިޔާއަށް 455 ދުވަސް ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ.

މާލޭގެ މަގުތައް ޗައިނާ ސަރުކާރުން ވަނީ ހިލޭ އެހީގައި ހަދައިދޭން ނިންމާފަ އެވެ. އަދި މިހާރު ކުރަމުންދަނީ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެވެ. ނަމަވެސް މާލޭގައި ހުންނަ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސް މާރުކޭޓް ހިންގާ އިމާރާތާ ހަމައަށް އޮންނަ މަގުގެ ބައި ހެދުން ޗައިނާ ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި ނުހިމެނޭ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910