ސިނަ މާލެ ބްރިޖް

ސިނަމާލެ ބްރިޖު މަރާމާތު ނުކުރާތާ ތިން އަހަރު

ސިނަމާލެ ބްރިޖު މަރާމާތު ނުކުރާތާ ތިން އަހަރު ވެފައިވާ ކަމަށް އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހި ސަރުކާރުގެ ހަރަދުގައި އާއި ޗައިނާގެ ހިލޭ އެހީ އާއި ލޯން އެހީގައި ޗައިނާގެ ސީސީސީސީ ކުންފުނިން ކޮށްފައިވާ މަސައްކަތެކެވެ.

މިބްރިޖުގެ މަޝްރޫއު ނިންމާ ބްރިޖު އާންމުންނަށް ދައްކާލީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ އެންމެ ފަހު ދުވަސްކޮޅާ ދިމާކޮށް ސެޕްޓެމްބަރު 7، 2018 ގައެވެ.

ދައުލަތުގެ މީޑިއާގައި ވާހަަކަދައްކަވަމުން މިނިސްޓަރު މުއްތޮލިބް ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަން ނިމިގެން ދިޔައިރު އިތުރު ދެ އަހަރަށް -- 2020 ވަަނަ އަހަރުގެ ނިޔަލަށް ޗައިނާ އިން ބްރިޖުގެ މަރާމާތުގެ މަސައްކަތް ހިލޭ ކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ބްރިޖުގެ މަރާމާތުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސިނަމާލެ ބްރިޖު ހިލޭ މަރާމާތު ކޮށްދިނުމަށް މިދިޔަ ސަރުކާރުގައިވެސް ޗައިނާ އިން ހުށަހަޅާފައި އޮތް ކަމަށެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި އެކަމަށް އިޖާބާ ދީފައި ނުވާ ކަމަށާއި މިސަރުކާރު ވެރިކަމާ ހަވާލުވެ އިތުރު ތިން އަހަރަށް ސިނަމާލެ ބްރިޖުގެ މަރާމާތުގެ މަސައްކަތް ހިލޭ ކުރުމަށް ޗައިނާއާއި އެކު އެއްބަސްވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން މިބަލަނީ ކަމާގުޅުންހުރި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ވީހާވެސް އަވަހަށް ސޮއިކުރުމަށް. މިހަފްތާގައިވެސް އަޅުގަނޑުމެންނަށް ހުއްދަތައް ލިބިއްޖެއްޔާ ސޮއިކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖުގެ މުހިއްމު މައުލޫމާތު

  • ބްރިޖްގެ ވައްތަރު: ބޯޗް އާޗް
  • ބޯކްގެ އަދަދު 6
  • ހަ ބޯކްގެ ޖުމްލަ ދިގު މިނަކީ 760 މީޓަރު
  • ބްރިޖަށް އަރާ މަގުތަކާއެކު ޖުމްލަ ދިގުމިން 2،100 މީޓަރު
  • ބްރިޖްގެ ދަށުން ދެވޭ އެންމެ އުސްމިނަކީ 75 ފޫޓް
  • ބްރިޖްގެ މަސައްކަތް ކުރަނީ ޗައިނާގެ ސީސީސީސީ
  • ބްރިޖްގެ އަގަކީ 200 މިލިއަން ޑޮލަރު
  • 113 މިލިއަން ޑޮލަރު ޗައިނާގެ ހިލޭ އެހީ
  • ބްރިޖަށް ލޯން ދިނީ ދެ ޕަސަންޓް އިންޓަރެސްޓް ރޭޓުގައި
  • ލޯން ދައްކާ ނިންމަންޖެހެނީ 15 އަހަރުން
  • މިމަޝްރޫއުގައި ޗައިނާގެ 2،00 އަށް ވުރެ ގިނަ މީހުން މަސައްކަތް ކުރި
  • ހަތަރު ފުރޮޅުލީ އުޅަނދަށް ދެ ލޭން
  • ސައިކަލަށް ދެ ލޭން
  • ބްރިޖުގެ ޖުމްލަ ދިގުމިނާކީ ދެ ކިލޯމީޓަރު
  • ފުޅާމިނުގައި 20.3 މީޓަރު
  • 153،000 ކިއުބިކް މީޓަރުގެ ކޮންކްރީޓް ބޭނުންކުރި
  • 82،000 މެޓްރިކް ޓަނުގެ ސްޓީލް ބޭނުންކުރި
  • ބްރިޖު މަޝްރޫއަށް 8،500 ޓަނުގެ ސާމާނު ގެނައި
  • ބްރިޖުގެ ފުރަތަމަ ތަނބު ޖެހީ ޖުލައި 12، 2016 ގައި
  • މަސައްކަތް ނިންމީ 30 މަސް ދުވަހުން

މުއްތޮލިބް ވިދާޅުވީ ބްރިޖަކީ އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ބޭނުންކުރާ ވަރަށް މުހިއްމު ތަނަކަށްވާއިރު ބްރިޖުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެސް އެތަނުގެ މަރާމާތުގެ މަސައްކަތަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭނެ ކަމަށެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައިވެސް، ކަނޑެއް ހުރަސްކޮށް ކުރިއަށްގެންދިޔަ މިފަދަ އެންމެ ބޮޑު އަދި އެންމެ "ޗެލެންޖިން" މަޝްރޫޢުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ދިވެހިންގެ ދިރިއުޅުން ބަދަލުކޮށްލި މަޝްރޫޢެއްކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދެވި އެންމެ ބޮޑެތި މަޝްރޫޢުތަކަކީ، ޗައިނާގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫޢުތަކެކެވެ. އަދި އެކަންކަމުގެ މަންފާ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ލިބެމުންދާ ކަންކަންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.