ސިނަމާލެ ބްރިޖުގެ މަސައްކަތް ހައުސިން މިނިސްޓްރީއާ ހަވާލުކުރި ފަހުން ބްރިޖުގެ ލޭނުގެ އަދަދަކަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައި މިވަނީ ސިނަމާލެ ބްރިޖުގައި ލޭނެއް މަދުވުމުގެ ސަބަބުން އެ މަނިކުފާން ކީރިތި ކުރައްވަންދެން ކުރީގެ ރައީސް އަބްދުﷲ ޔާމީނު "ބަވާލި" ކަމަށް ރައްޔިތުންގެ މަޖލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނިކޮށެވެ.
އެއިރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ރައީސް މުއިއްޒު އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް ރައީސް ޔާމީން ދެކެވަޑައިގަންނަވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.
ސަންގު ޓީވީއަށް ރޭ ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ސިނަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ވަރަށް ކައިރިން ބެއްލެވި ކަމަށާއި މިނިސްޓްރީއާ ހަވާލުކުުރި ފަހުން ލޭނުގެ އަދަދަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.
ރައީސް ވިދާޅުވީ ޕްރީ ފީސިބިލިޓީ މަރުހަލާއާއި، ފީސިބިލިޓީ މަރުހަލާއާއި، ކޮންސެޕްޓް ޑިޒައިނިންގެ އިތުރުން ޑީޓޭއިލް ޑިޒައިނިން މަރުހަލާތައް ކުރިއަށް ދިޔައީ އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.
"އެންމެ ފުރަތަމަ އަޅުގަނޑު ހަވާލުވި ހިސާބުން ވެސް އޮތީ ހަމަ ކޮޅަކަށް ދެ ލޭން، ސައިޑުގައި ޕެޑެސްޓްރިއަން ނުވަތަ ބައިސްކަލު ލޭނެއް ގޮތުގައި ކަނޑައެޅު ލޭން ދެން އޮތީ،" ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ އެ މަޝްރޫއާ ގުޅޭ ހުރިހާ ކަމެއް ވެސް އެ މަނިކުފާނަށް އެނގިވަޑައިގަތީ ހައުސިން މިނިސްޓްރީއާ މަޝްރޫއު ހަވާލުކުރި ފަހުން ކަމަށެވެ. އަދި ބްރިޖުގައި ލޭނެއް އިތުރުކުރުމަށް ކުރީގެ ރައީސް ޔާމީން ފަހުން އެދިވަޑައިގެންނެވި ނަމަވެސް އެއިރު މަސައްކަތް ގާތްގަނޑަކަށް ނިމިފައިވުމުން އެގޮތަށް އެ ބަދަލު ނުގެނެވޭނެ ކަމަށް ދެންނެވި ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.