ފުށިދިއްގަރުފަޅު ހިއްކުން ސަރުކާރުން ރާވާފައިވާ ގޮތަށް ކުރިއަށް ނުދިޔަ ކަމަށާއި އެކަމަކު އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެ ފަޅުން ހިއްކަން ނިންމި ބިންތައް ހިއްކާ ނިންމާލުން ކަމަށް މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ ބޮސްކާލިސްއާ ގުޅިފައިވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އަށެވެ.
ސީއެމްސީ އިން ފުށިދިއްގަރު ފަޅު ހިއްކުމާ ހަވާލުވީ އެތަނުން 70 ހެކްޓަރު އަދި ހުޅުމާލެ އިން 10 ހެކްޓަރުގެ ބިން އެ ކުންފުންޏަށް 99 އަހަރަށް ލިބޭ ގޮތަށެވެ. އޭރުން މިމަޝްރޫއަށް ދައުލަތުން އެއްވެސް ހަރަދެއް ކުރާކަށް ނުޖެހެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިވިސްނުމުގައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ މިއަހަރުގެ ބަޖެޓްގައި ފުށިދިއްގަރު ފަޅު ހިއްކުމަށް ބޭނުންވާ 400 މިލިއަން ރުފިޔާ މިސަރުކާރުން ހިމެނުމުން އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޭރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން އުނިކުރުމުންނެވެ.
ފުށިދިއްގަރުފަޅު މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު ހިއްކަން ފެށީ މަސައްކަތް ފަށާތާ އަށްމަސް ދުވަހުގެ ތެރޭގައި 1،150 ހެކްޓަރުގެ ބިން ހިއްކާ ނިންމާ ގޮތަށެވެ. އެ މުއްދަތު މިއަހަރުގެ އޮގަސްޓަށް ހަމަވާނެ އެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އެ މަޝްރޫއު ސަރުކާރުން ރާވާފައިވާ ގޮތަށް ކުރިއަށް ނުދިޔައީ މައިގަނޑު ދެ ސަބަބަކާ ގުޅިގެން ކަމަށެވެ. އެގޮތުން ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމާ ހަވާލުވެފައިވާ ސީއެމްސީ އިން ހޯދަން މަސައްކަތް ކުރި ފައިސާ އެ ކުންފުންޏަށް ހޯދިފައި ނުވުމާއި، މިއަހަރުގެ ބަޖެޓުގައި ހިމެނި ފައިސާ މަޖިލީހުން އުނިކޮށްލުމަކީ މިމަޝްރޫއު ރޭވި ގޮތަށް ނުދިޔަ ސަބަބުތައް ކަމަށެވެ.
ނަމަވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް އަވަސް ކުރެވޭނެ އެހެން ގޮތްތަކެއް ސަރުކާރުން އެކަމުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.
"އޭގެ ތަފްސީލްތައް އަމަލީ މަސައްކަތް ފެށޭ ހިސާބަށް ދިއުމުން ހާމަކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ފުށިދިއްގަރުފަޅު ހިއްކުމަށްފަހު އެތަނުގައި ބިނާކުރީ ރަށަށް ސަރުކާރުން ދީފައިވާ ނަމަކީ "ރަސްމާލެ" އެވެ.
ރަސްމާލޭގައި އަޅަން ހަމަޖެހިފައިވާ ހައުސިން ޔުނިޓްތައް
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުން ލަސްވިޔަސް އެ ފަޅު ހިއްކައިގެން އެތަނުގައި ތަރައްގީކުރާ ރަސްމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 15،000 ހައުސިން ޔުނިޓްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންދެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.
ރަސްމާލޭގައި 15،000 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތައް އަޅާފައިވާ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އަށެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ ޗައިނާގެ ކުންފުނިން ފްލެޓްތަކުގެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް އަވަހަށް ނިންމާލުމަށްޓަކައި މަޝްރޫއަށް ބޭނުންވާ ސާމާނު އުފެއްދުމަށްވެސް ނިންމާފައިވަނީ ރާއްޖޭގައި ކަމަށެވެ. ފުށިދިއްގަރުފަޅުން އެންމެ ފުރަތަމަ ހިއްކާ ބިމުގައި ހައުސިން ޔުނިޓްތަކުގެ މަސައްކަތަށް ބޭނުންވާ ފެކްޓަރީ އަޅާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދިޔަ ނަމަވެސް އެ ތަންތަނުގެ ކޮލިޓީ ރަނގަޅު ވާނެ ކަމަށެވެ. ޗައިނާގެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކަށް ބެލުމުން އެކަން އެނގޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ސަރުކާރުން ނިންމާފައިވަނީ ރަސްމާލެ އިން 11،900 ގޯތި ދޫކުރުމަށާއި، 65،000 ހައުސިން ޔުނިޓް އެޅުމަށެވެ.