ފުށިދިއްގަރު ފަޅު

ބިލްތަކަކަށް ފައިސާ ނުދީ ހުރުމުން ގިރާވަރުފަޅާއި ފުށިދިއްގަރުފަޅު ހިއްކުމަށް ބުރޫއަރައިފި

ރަސްމާލެ ތަރައްގީކުރާ ފުށިދިއްގަރުފަޅާއި ގިރާވަރުފަޅު ހިއްކަމުން ގެންދާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އަށް މިދިޔަ ސަރުކާރުން ނުދައްކާ ހުރި ގިނަ އަދަދެއްގެ ފައިސާއާ ހެދި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތަށް ބުރޫއަރައިފި އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްާ ސީއެމްސީ އަކީ ގިރާވަރު ފަޅުވެސް ހިއްކަމުންދާ ކުންފުނި ކަމަށްވާތީ ސީއެމްސީއަށް ދޭންޖެހޭ ފައިސާ ނުދީ ދިގުލާނަމަ ފުށިދިއްގަރުފަޅާއި ގިރާވަރު ފަޅުގެ މަސައްކަތްތަކަށް ބުރޫއަރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސީއެމްސީއަށް ދޭންޖެހޭ ފައިސާ އަދަދު ހިސާބުކުރުމަށްފަހު ފައިސާގެ ކަންކަން ހައްލުކުރެވޭނެ ގޮތްތައް ބަލައި އެކަން ސަރުކާރުން ހަމަޖައްސާނެ ކަމަށެވެ.

"މިދިޔަ ސެޕްޓެމްބަރު އޮކްޓޫބަރު މަހު ލާފައި ހުރި ބޮޑެތި ބިލްތަކެއް ވެސް އެބަހުރި. އެކަހަލަ ތާށިކަމެއް އުޅޭ ކަމަށް އަންގަނީ. ދައުލަތުން އެކަންކަން ހައްލު ކޮށްދީގެން ކުރިއަށް ދާނީ،" މުއްތޮލިބު ވިދާޅުވި އެވެ.

ގިރާވަރުފަޅު ހިއްކަން ބޮސްކާލިސްގެ މި ސަރަހައްދުގެ ޕާޓްނަރު ސީއެމްސީއާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހަވާލުކޮށްފައިވަނީ މިމަޝްރޫއަށް ހިނގާ ހަރަދުގެ އެއްބައި ދައުލަތުން ހަރަދުކުރާ ގޮތަށާއި ބާކީ ހަރަދު ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ނުވަތަ މަޝްރޫއު ހިންގާ ފަރާތުގެ ފައިސާގައި ކުރިއަށް ގެންދިއުމަށެވެ. މިމަޝްރޫއަށް ކޮންޓްރެކްޓާ އަތުން ހަރަދުކުރާތީ އެ ހަރަދު ފޫބެއްދުމަށް ކޮންޓްރެކްޓަރަށް ސަރުކާރުން ވަނީ ނ. އަތޮޅުން ދެ ފަޅެއް 99 އަހަރަށް ދޫކޮށްލާފަ އެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ތެރެއިން 150 ހެކްޓަރު ހިއްކުމަށް ކަނޑައަޅާފައިވެ އެވެ. އެކަމަކު އަދި ހިއްކާފައިވަނީ 50 ހެކްޓަރުގެ ބިމެވެ.

މިނިސްޓަރު މުއްތޮލިބް ވިދާޅުވި ގޮތުގައި ގިރާވަރުފަޅު ބިން ހިއްކުމުގެ މަޝްރޫއު ނިމޭއިރު 197 މިލިއަން ޑޮލަރު -- ތިން ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

"މަސައްކަތް ހުއްޓެން ދިމާވާ ސަބަބަކީ ދައުލަތުން ދައްކަން ޖެހިފައިވާ ފައިސާގެ ކަންކަން،" މުއްތޮލިބް ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން އެ ތަނުގައި "ރަސްމާލެ"ގެ ނަމުގައި އެންމެ ޒަމާނީ ފެންވަރުގެ އިކޯސިޓީ ތަރައްގީކުރުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު އެވެ.

ރަސްމާލޭގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމަށާއި އެތަނުގައި 30،000 ހައުސިން ޔުނިޓް އެޅުމަށް ޗައިނާއާ އެކު ސޮއިކޮށްފައިވާ ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ.

ރަސްމާލެއިން 1،150 ހެކްޓަރުގެ ބިން ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ޖުމްލަ 70 ހެކްޓަރުގެ ބިން ދިގު މުއްދަތަށް ދީގެންނެވެ. އެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ސީއެމްސީސީއަށް ބިން ދެނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ރަސްމާލެ އިންނެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހިން 10 ހެކްޓަރުގެ ބިން ދީފައިވާއިރު ރަސްމާލެ ހިއްކާ ނިމުމުން އެތަނުން 60 ހެކްޓަރުގެ ބިން ދޭން ވަނީ ނިންމާފަ އެވެ.

ސީއެމްސީސީއަށް ބިންތަކެއް ދީގެން މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމީ ފުށިދިއްގަރުފަޅު ހިއްކުމަށް މިއަހަރަށް ބަޖެޓްގައި ހިމެނި 400 މިލިއަން ރުފިޔާ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ނުދިނުމާ ގުޅިގެންނެވެ.