ޑރ. އަބްދުﷲ މުއްތަލިބް

ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ދައުލަތަށް ފައިދާވާ ގޮތަށް: މުއްތަލިބް

ވަޒީރުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ކުރިއަށް ގެންދިޔަ "އަހާ" ޕްރޮގްރާމުގައި މިނިސްޓަރު މުއްތަލިބް ވާހަކަދައްކަވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ކުރިއަށް އޮތް ދުވަސްތަކުގައި ތަރައްގީގެ މަޝްރޫއުތައްވެސް ހިންގާނީ ދައުލަތަށް އިގްތިސާދީ ގޮތުން ކުރިއެރުންތަކެއް ލިބޭ ގޮތަށް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއްތަލިބް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން އިގުތިސާދީ މިނިވަންކަން ހޯދައި ދިވެހި ދައުލަތް އަމިއްލަ ފައިމައްޗަށް ތެދުވަންޖެހޭނެ ކަމަށެވެ. އެހެންވެ ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ ތަރައްގީގެ މަޝްރޫއުތައްވެސް އިގްތިސާދީ ފައިދާއެއް ލިބޭ ގޮތަށް ހިންގުން ކަމުގައި ވިދާޅުވި އެވެ. އެގޮތުން ގައުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ހުރިހާ ރައްޔިތުންވެސް އެކަންކަން ބަލައި ގަންނަން ޖެހޭ ފަދަ ފައިދާ ހުރި މަސައްކަތްތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.

މާލެ ސަރަަހައްދުގައި މިހާރު ކުރިއަށްދާ ތަރައްގީގެ އެންމެ ބޮޑެތި މަޝްރޫއުތަކަށް އިޝާރާތް ކުރައްވާ މުއްތަލިބް ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދޫކުރަން ނިންމާފައިވާ ގުޅީފަޅާއި ގިރާވަރުފަޅާއި އަދި ސަރުކާރުގެ މުހިއްމު މަސައްކަތްތަކަކަށް ހިއްކަން ނިންމާފައިވާ އުތުރު ތިލަފަޅުގެ މަޝްރޫއުގެ މަސައްކަތައް އެކި މަރުހަލާތަކުގައި ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ. ގޯތި ދޫކުރަން ނިންމާފައިވާ ސަރަހައްދުތަކުގައި އާންމުން ދިރިއުޅެން ފަށާއިރު އެސަރަހައްދު ތަކުގައި ފެނާއި، ކަރަންޓާ ނަރުދަމާ ނިޒާމު ގާއިމުކުރެވި ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތައް ލިބެން ހުންނާނެކަން ސަރުކާރުން ކަށަވަރުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ވަޒީރުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ކުރިއަށް ގެންދިޔަ "އަހާ" ޕްރޮގްރާމުގައި މިނިސްޓަރު މުއްތަލިބް ވާހަކަދައްކަވާއިރު އަރިހުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ފޮޓޯ: އަވަސް

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އެތަނުގައި ސަރުކާރުން އަޅަން ނިންމާފައިވާ 30،000 ހައުސިން ޔުނިޓް އަޅާނެ ކަމުގައިވެސް ވިދާޅުވި އެވެ. ސަރުކާރުގެ ދިގު މުއްދަތުގެ އަމާޒަކީ ރަސްމާލެ ވެސް މާލެ ސަރަަހައްދާ ކޮންމެވެސް ކަހަލަ ބްރިޖަކުން ގުޅާލުން ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އުތުރު ތިލަފަޅު ބިން ހިއްކަނީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި ލިބުން ކަށަވަރުކުރުމަށްޓަކައި އެގްރިކަލްޗާ ޒޯނެއްގެ ގޮތުގައި ކަމަށްވާތީ މި މަޝްރޫއު ހަގީގަތަކަށް ވެގެން ދިއުމުން ވަރަށް ގިނަ ވަޒީފާގެ ފުރުސަތުތައް ހަމަޖެހިގެންދާނެ ކަމަށެވެ.

"ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން މިދަނީ. އެކަން ހަމަޖެހުނުހާ އަވަހަށް [އުތުރު ތިލަފަޅުގެ] މަސައްކަތް ފެށިގެން ދާނެ،" މުއްތަލިބް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ތަަރައްގީގެ މަޝްރޫއުތައް ހިންގާއިރު އިގްތިސާދު ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފައި އޮތް އޮތުމަށް ބަދަލު ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910