ފުށިދިއްގަރު ފަޅު

ފުށިދިއްގަރު ފަޅު ހިއްކަން 10 ބިލިއަން ރުފިޔާ ހޭދަވާނެ: މިނިސްޓަރު

ފުށިދިއްގަރު ފަޅު -- ރަސްމާލެ ހިއްކަން 10.7 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ހޭދައެއް ހަރަދުވާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމަށް އެންމެ މަދުވެގެންވެސް ކޮންޓްރެކްޓަރު އަތުން 500 އާއި 700 މިލިއަން ޑޮލަރު އެ މަޝްރޫއަށް ހަރަދުވާނެ ކަމަށެވެ.

މުއްތަލިބް ވިދާޅުވި ގޮތުގައި ފުށިދިއްގަރު ފަޅުގެ ފުންމިނާއި ވެލި ބޭނުންވާނެ އަދަދާއި ވެލި ނަގަންޖެހޭ ދުރުމިނަށް ބަލާއިރު މަޝްރޫއުގެ ހަރަދު ބޮޑުވާނެ އެވެ

ފުށިދިއްގަރުފަޅު ހިއްކުމަށް ދައުލަތުން އެއްވެސް ހަރަދެއް ނުކުރެ އެވެ. ފުށިދިއްގަރު ފަޅު ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ޖުމްލަ 70 ހެކްޓަރު ދިގު މުއްދަތަށް ދީގެންނެވެ.

އެގޮތުން ހުޅުމާޅެ ދެވަނަ ފިޔަވަހިން 10 ހެކްޓަރުގެ ބިން ދީފައިވާ ކަމަށާއި ރަސްމާލެ ހިއްކާ ނިމުމުން އެތަނުން 60 ހެކްޓަރުގެ ބިން ސީއެމްސީސީއަށް ދޫކުރާނެ އެވެ.

ފުށިދިއްގަރުފަޅު ހިއްކަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ އަށްމަސް ދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުގައި 1،150 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.