ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް، މުއިއްޒަށް: ކުރަން ވިދާޅުވާ ކަންކަން ކުރިން ނުކުރީ ކީއްވެ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަމުންދާ ވައުދުތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ބ. ގޮއިދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީއާ ކިރިޔާވެސް ވާދަކޮށްލެވޭނެ ބަޔަކީ ޕީއެންސީ ކަމަށެވެ. ޕީއެންސީގެ ސިޔާސަތުތައް ކޮންމެ ރަށަކަށް ގޮސް ހުށަހެޅުއްވި ކަމުގައި ވިޔަސް އެވާ ވައުދުތަކަކީ ކޮށްދޭނެ ކަންތައްތަކެއް ނޫން ކަމަށް ރައީސް ވިދާޅޫވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޕީއެންސީގައި ތިއްބެވި ބޭފުޅުންނަކީ ވަކިން ހާއްސަކޮށް މުއިއްޒު އަކީ ރައްޔިތުންނަސް އާ ބޭފުޅުން ނޫން ކަމަށާއި އެ ބޭފުޅުންނަކީ މީގެ ކުރީގެ ސަރުކާރުގައި، ސިޔާސީ މަސައްކަތުގައި އިސްވެ، ސަރުކާރު ހިންގުމުގައި އުޅުނު ބޭފުޅުން ކަމަށް ހުރިހާ ރައްޔިތުންވެސް ދަންނަ ކަމަށެވެ.

"އެއީ އަޅުގަނޑުމެން ދެކެ ފަރިތަ ތަޖުރިބާކޮށްފައި ތިބި ބޭފުޅުންތަކެއް،" ރައީސް ވިދާޅުވި އެވެ

އެމަނިކުފާނު ވިދާޅުވީ މިއަދު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިކުމެވަޑައިގެން ކުރިއަށް އޮތް ތަނުގައި މުއިއްޒު ކަންކުރާނެ ގޮތް ރައްޔިތުންނަށް ކިޔައިދިން ކަމުގައިވިޔަސް އެ ވާހަކަތައް ގަބޫލުކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ރަށަކަށް އަސާސީ ހިދުމަތް ތިމަންނަ މެން ދޭނަމޭ ބުނަނީ. ބަލަ މިއޮތްހާ ދުވަހު ނުކުރީ ކީއްވެގެންތޯ؟" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ އިގުތިސޯދު އެންމެ ރަނގަޅު ދުވަސްވަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު ކަމަށެވެ. އެގޮތުން ތެޔޮ ފީފާ އެއްގެ އަގު އޭރު ހުރީ 48 ޑޮލަރަށް ކަމަށާއި އެ ދުވަސްވަރަކީ ދުނިޔޭގެ ބާޒާރުގައި އެންމެ ތެލުގެ އަގު ކުޑަ ދުވަސްވަރު ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.

"އެ ފަސޭހައިގެ ތެރޭގައި ކަންތައް ނުކުރެވުނު ބަޔަކަށް މިހާރު އައިސް ކުރާނަމޭ ބުންޏަސް ގަބޫލެއް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް، ހާއްސަކޮށް ކުދި އާބާދީ ތަކަށް ކަމެއް ކޮށްދިނަސް ދެންވެސް ކޮށްދޭނީ މި ސަރުކާރުން ކަމަށެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ގޮސްގެން ރާއްޖެ ތަރައްގީކުރުމުގެ މަސައްކަތއްތައް ކުރަން އުޅުނުނަމަ މިހާރު ރާއްޖެއިން މި ފެންނަ ކުރިއެރުން ނުފެންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކެބިނެޓާއި ކުންފުނިތަކާއި އެކީގައި މި މަސައްކަތް ކުރެވުނީ އެ ސަބަބަށްޓަކައި،" ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ގޮއިދޫގައި ކުރަން ރާވާފައިވާ ކަންތައްތަކެއްވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން އެ ރަށުގެ އިންޖީނުގެ އެ ރަށުގައި މީހުން ދިރިނޫޅޭ ސަރަހައްދަކަށް ބަދަލުކޮށް ރަނގަޅު ފެންވަރުގައި ކަރަންޓު ލިބޭނެ ގޮތް ހަދައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން އެ ރަށުގެ ބަނދަރު މިހާރަށް ވުރެ ބޮޑުކޮށް ޒަމާނީ ފެންވަރަކަށް ހަދައިދީ، ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކޮށްދޭނެ ކަމަށާއި އެ ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލް ފެންވަރުގެ ތަނަކަށް ބަދަލުކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.