ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މުއިއްޒަށް ބަހުގެ ހަމަލާދިނުމަކީ ބަލިވުމުގެ އަލާމާތެއް: ޝަހީމް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު، ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ބަހުގެ ހަމަލާތައް ދެއްވަން ފެއްޓުމަކީ ރައީސް ސޯލިހް ބަލިވެގެންދާ ކަމުގެ ހެއްކެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ޝަހީމް ވިދާޅުވީ މުއިއްޒުއާއި އޭނާގެ އަނބިކަބަލުންނަން ނިސްބަތްވާ ގޮތަށް ރައީސްގެ ކެމްޕޭން ޓީމުން ދައްކާ ވާހަކަ ތަކަކީ ރައްޔިތުންގެ ހިތުތެރޭ ބިރުވެރިކަން އުފައްދަން ދައްކަމުންދާ ވާހަކަތަކެއް ކަމަށެވެ.

"އެ ދައްކަވާ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުއިއްޒުއަށް ބަހުގެ ހަމަލާތައް ރައްދުކުރާ މީހުންގެ ތެރޭގައި އެންމެ ފަހުން ރައީސް ސޯލިހް ވެސް ހިމެނިގެން ދިއުމަކީ އިންތިހާބުގައި އެމަނިކުފާނު ބަލިވެގެންދާނެ ކަން އެނގިވަޑައިގަންނަވާތީ ކުރައްވާ ކަމެއް ކަމަށެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ހުންނެވި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ހުންނެވީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އޭރުގެ ހަނދާންތައް އާކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ މިއަދު މުއިއްޒުއަށް ޒާތީކޮށް އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ދައްކަވަމުން ގެންދަވާ ޒާތުގެ ވާހަކަތައް އޭރުގެ އިންތިހާބުގައި އޭނާއާ ދެކޮޅަށް ވެސް އެމްޑީޕީން ދެއްކި ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސަތުގައި އޭރު ތިއްބެވީ އެހެން ބައެއް ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

"މުއިއްޒު އެއްބުރުން އިންތިހާބް ކާމިޔާބްކުރާނެ ކަމުގެ ހެކި މިފެންނަނީ،" މުއިއްޒުއަށް ޒާތީކޮށް ދެމުންދާ ހަމަލާތަކާ ގުޅުވައި ޝަހީމް ވިދާޅުވި އެވެ.

ވެރިކަން ލިބިވަޑައިގަންނަމަ މުއިއްޒު ދައުލަތުގެ ފައިސާ އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ސޯލިހް ދެއްކެވި ވާހަކަތަކަށްވެސް ޝަހީމް ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން ޝަހީމް ވިދާޅުވީ ރައީސް ސޯލިހްގެ އެފަދަ ވާހަކަތަކުންވެސް ވެރިކަންކުރުމަށް ތަސައްވުރަކާއި ވިސްނުމެއް ނެތް ކަން އެނގިގެންދާ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ތިނަދޫއަށް ކޮށްދެއްވި ބައެއް ކަންކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ތިނަދޫގައި ބިނާކުރި އިސްލާމީ މަރުކަޒު، ފަސް އަހަރު ވެގެންދިޔައިރު އެއްވެސް އަޅާލުމެއްނެތި ވީރާނާވާން ދޫކޮށްލާފައިވާ ކަމަށެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ގައުމު ސަލާމަތްކުރުމަށްޓަކައި އެންމެން އެއްބައިވެ އަތުގުޅާލައި ނިކުންނަން ޖެހޭ ކަމަށެވެ. ރާއްޖޭގައި އޮންނަން ޖެހޭނީ ދިވެހިން ފަހުރުވެރިވާ ފަދަ ޒައާމަތެއް ކަމުގައިވެސް ވިދާޅުވި އެވެ. އެފަދަ ޒައާމަތަކަށް ބޭނުންވާ އިލްމާއި ތަޖުރިބާ ޑރ. މުއިއްޒަށް ލިބިފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"އެ މަދަރުސާގައި އުޅޭ ބަޔަކަށް އެނގޭނީ މިޝަންއާއި ވިޝަން ރައީސް ޔާމީންގެ އަރިހުގައި މަސއްކަތް ކުރެއްވި ބަޔަކަށް އެނގޭނީ ރައީސް ޔާމީންގެ ތަސައްވަރު،" ޝަހީމް ވިދާޅުވި އެވެ.