ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ފަށާފައިވާ މަޝްވަރާތަކުގެ ތެރެއިން ގާނޫއަސާސީ ޑްރާފްޓް ކުރި ކޮމިޓީގެ މުގައްރިރު އިބްރާހީމް އިސްމާއީލް (އިބްރާ)އާއި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ބައްދަލުކުރައްވައިފި އެވެ.
އިބްރާ އަކީ ލާމަރުކަޒީ ބާބެއް ގާނޫނުއަސާސީގައި ވަކިން ހިމަނައި، ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ގެނައުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް ހިމެނޭ ބޭފުޅެކެވެ.
އިބްރާގެ ގެ -- މއ. ބޯގަންވިލާ ގޭގައި އިއްޔެ ކުރިއަށް ދިޔަ ބައްދަލުކުރެއްވުމުގައި މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން އެ މިނިސްޓްރީގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ މަޝްވަރާތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް މިދިޔަ ހޯމަ ދުވަހު މިނިސްޓަރު ވަނީ ލާމަރުކަޒީ ކޮމިޓީއާވެސް ބައްދަލުކުރައްވާފަ އެވެ.
މީގެއިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރާ މަޝްވަރާތަކުގެ ތެރެއިން ކުރީގެ ޕްލޭނިން މިނިސްޓަރު ހަމްދޫން ހަމީދާއި، މާލޭގެ ކުރީގެ މޭޔަރުން ކަމަށްވާ ޝިފާ މުހައްމަދާއި، ސަރަނގު އާދަމް މަނިކާއި، ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފާާއި، އެލްޖީއޭގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ޒާހިދާއި އެލްޖީއޭގެ ކުރީގެ ސީއީއޯ ޑރ ޝުކުރީގެ އިތުރަށް ލާމަރުކަޒީ ނިޒާމުގެ ތަޖުރިބާކާރެއް ކަމަށްވާ ސަލްމާ ފިކުރީއާވެސް ސަރުކާރުން ވަނީ ބައްދަލުކުރައްވާފަ އެވެ.
ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ބަދަލު ގެނައުމަށް ތައްޔާރުވަމުންދާއިރު ސިޔާސީ ޕާޓީތަކާއި ކަމާ ގުޅޭ ފަންނީ ބޭފުޅުންނާއި ޖުމްލަކޮށް އާންމު ހުރިހާ ރައްޔިތުންގެ މަޝްވަރާ ސަރުކާރަށް މުހިއްމު ވާނެ ކަމުގައި ސަރުކާރުން ބުނެފައިވެ އެވެ.
ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކަމާ ގުޅޭ ދިރާސާއެއް ހެދުމަށް ސަރުކާރުން ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)އާ ވެސް ހަވާލުކޮށްފަ އެވެ. ދިރާސާގެ ރިޕޯޓް މިމަހު ލިބޭނެ ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވެ އެވެ.