ރަށު ފަތުރުވެރިކަމުގެ ސިނާއަތުން ސަރުކާރަށް ދައްކާ ޓެކުހުގެ 10 ޕަސަންޓް ކައުންސިލްތަކަށް ލިބޭގޮތަށް ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކުރުމުގެ މަޝްވަރާ ހިނގަމުންދާ ކަމަށް ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.
ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކުރިއަށްގެންދާ "ފަނޯއްލަ" ދަރުބާރު މިއަދު ފައްޓަވައިދެއްވުމަށްފަހު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދައިދީ ކައުންސިލްތައް އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ކޮންމެ ކައުންސިލަކަށް ފަޅުރަށެއް ނުވަތަ ފަޅެއް ދިނުމުގެ އުސޫލުގެ ދަށުން ބައެއް ކައުންސިލްތަކަށް ފަޅެއް ނުވަތަ ރަށެއް ހަމަޖައްސާފައިވާނެ ކަމުގައި ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތަކީ ރަށު ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ 10 ޕަސަންޓް ކައުންސިލްތަކަށް ލިބޭ ގޮތަށް ގާނޫނީ އޮނިގަނޑު އިސްލާހުކުރުމުގެ މަސައްކަތް ކަމަށެވެ.
"ފަތުރުވެރިކަމުން ރަށްރަށުން ލިބޭ ޓެކުހުގެ އާމްދަނީން 10 ޕަސަންޓް ކައުންސިލްތަކަށް ދިނުމާ ގުޅޭގޮތުން ދަނީ މަޝްވަރާކުރަމުން. މިއީ ސަރުކާރުން ކައުންސިލްތަކުގެ ކުރިއެރުމަށް އިސްކަންދޭކަން ފެންނަ ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކާ ގުޅިގެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށެވެ. އެގޮތުން ކައުންސިލްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މިދިޔަ ފަސް މަސް ދުވަސް ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 170 އަށް ވުރެ ގިނަ ކައުންސިލާ ވަނީ ބައްދަލުކުރައްވާފައި ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ލޯކަލް ކައުންސިލްތައް މިހާރަށް ވުރެ ހަރުދަނާކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުމަށް ދިރާސާއެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ދިރާސާ ކުރަނީ ގައުމީ ޔުނިވަސިޓީއާ ހަވާލުކޮށްގެންނެވެ.
މިރަސްމިއްޔާތުގައި އެލްޖީއޭގެ ސީއީއޯ މަރިޔަމް ޒުލްފާ ވިދާޅުވީ މިދަރުބާރުގައި ކައުންސިލްތަކުން ބޭނުންވާ ކަންކަން ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައި މަޝްވަރާކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.
އެލްޖީއޭ ޔޫއެންޑީ އަދި އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައިއާރްއައި) ގުޅިގެން މިއަދާއި މާދަމާ ކުރިއަށް ގެންދާ މިދަރުބާރުގައި މިފަހަރު ބައިވެރިވަނީ ރާއްޖޭގެ އެންމެ އުތުރުގެ ފަސް އަތޮޅުގެ ކައުންސިލަރުންނެވެ.