ލާމަރުކަޒީ ނިޒާމަށް އިސްލާހީ ބަދަލުތައް ގެންނައިރު ހުރިހާ އަތޮޅު ކައުންސިލެއްގައި މުޅި އަތޮޅަށް ހިދުމަތް ދެވޭ ގޮތަށް ގާނޫނީ ވަކީލުންނާއި، އޮޑިޓަރުންނާއި، ލޭންޑް ޔޫޒް ޕްލޭން ހެދޭ ފެންވަރުގެ ބޭފުޅުން ތިބޭ ގޮތަށް ނިޒާމު ހަރުދަނާކުރަން ބޭނުންވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ނިޒާމު ކޮމިޓީއަށް މިއަދު ހާޒިރުވެވަޑައިގެން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އަތޮޅު ކައުންސިލްތައް މިހާރަށް ވުރެ މާބޮޑަށްވެސް ހަރުދަނާކޮށް ބާރުވެރިކުރަން ސަރުކާރުން ބޭނުންވާ ކަމަށެވެ. އެގޮތުން އަތޮޅު ކައުންސިލްތަކަކީ މިހާރަށް ވުރެ ބޮޑަށް މުޅި އަތޮޅަށް ހިދުމަތް ދެވޭ ތަނަކަށް ހަދަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކުގައި ކުރަންޖެހޭ ގާނޫނީ މަސައްކަތްތަކާއި، މާލީ ހިސާބުތައް ހަމަޖެއްސުމަށް ކުރަންޖެހޭ އޮޑިޓް މަސައްކަތްތަކާއި އަދި ކައުންސިލްތަކުން ހަދަންޖެހޭ ލޭންޑް ޔޫޒް ޕްލޭން މިހާރު ހަދަނީ ބަޔަކަށް ފައިސާ ދީގެން ކަމަށެވެ. އެގޮތަށް ކައުންސިލްތަކުން މަސައްކަތް ކުރަންޖެހެނީ ކައުންސިލްތަކުގައި އެފަދަ މީހުން ނެތުމުން ކަމަށާއި އެކަމަކު އެގޮތަށް އެ މަސައްކަތް ކުރުމުން ހިދުމަތުގެ އަގު ބޮޑުވެ ދައުލަތުން އުފުލަންޖެހޭ މާލީ ބުރަ ބޮޑު ކަމަށް ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑުމެންގެ ވިސްނުމުގައި އެބަހުރި އަތޮޅު ކައުންސިލްތަކުގައި ގާނޫނީ ވަކީލުންނާއި، އޮޑިޓަރުންނާއި ލޭންޑް ޔޫޒް ޕްލޭން ހަދާ މީހުންގެ އެއީ ކައުންސިލްގެ މުވައްޒަފުންގެ ގޮތުގައި މުޅި އަތޮޅަށް ހިދުމަތް ދެވޭ ގޮތަށް ގެންގުޅުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ރުށްގަހާއި ބިމާ ގުޅޭ ގިނަ މައްސަލަތަކެއްގައި ކައުންސިލްތަކުން އަބަދުވެސް ކޯޓުތަކުގައި ވަކާލާތު ކުރަންޖެހޭ ކަމަށެވެ. އެކަމަކު އެފަދަ ގިނަ މައްސަލަ ތަކުގައި ކަމާގުޅޭ ފަންނީ މީހުން ހޯދުމަށް ކައުންސިލަށް އަބަދުވެސް ދަތިވާ ކަމަށާއި އެ މައްސަލަ ހައްލުކުރެވޭނީ އެފަދަ ބޭފުޅުން ކައުންސިލްތަކުގެ ވަޒީފާގެ ގޮތުގައި ގެންގުޅެވިގެން ކަމަށްވެސް ވިދާޅުވި އެވެ.
"އެކަން ކުރެވޭ ފެންވަރުގެ ބޭފުޅުން ކައުންސިލްތަކުގައި ހަގީގަތުގައިވެސް ތިބެންޖެހޭ. ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަންޖެހިއްޖެނަމަ އެކަންވެސް ކައުންސިލަކުން ކޮށްލެވޭ ވަރުކުރަން އެބަޖެހޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ
މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް އިސްލާހީ ބަދަލުތައް ސަރުކާރުން ގެންނާނީ ކައުންސިލްތަކަކީ މިހާރަށް ވުރެ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ސީދާ ރައްޔިތުން ތަމްސީލްވާ ތަންތަނަށް ހެދޭ ގޮތަށް ކަމަށެވެ. މައިގަނޑު ވިސްނުމަކީ އެރަށެއްގެ ކައުންސިލުން އެރަށަކަށް ބޭނުންވާ ވަސީލަތްތައް ހޯދައި މާލީ ގާބިލްކަން ކައުންސިލްތަކަށް ހޯދައިދިނުން ކަމުގައިވެސް ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ މަޝްވަރާތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހިޔާލާއި މަޝްވަރާ ސަރުކާރަށް މުހިއްމު ވާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ކަމާ ގުޅޭ މަޝްވަރާތައް ފަށާނެ ކަމަށާއި މަޝްވަރާ ތަކުގައި ކައުންސިލްތަކާއި ސިޔާސީ ޕާޓީތަކާއި ރަށްރަށުގެ ރައްޔިތުން ހިމެނޭ ގޮތަށް ވީހާވެސް ފުޅާދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.