ޔަހޫދީ އިސްތިއުމާރީ ފައުޖުތަކުން ފަލަސްތީނަށް ދީފައި ހުރި ފަނާކުރަނިވި ގެއްލުންތައް ފައިސާއިން އަދަދު ނުކުރެވޭނެ ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ބުނެފި އެވެ.
ޔޫއޭއީގެ ހާރިޖީ ވަޒީރު އަބްދުﷲ ބިން ޒައިދު އައްނަހްޔާން ވިދާޅުވީ އިޒުރޭލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދީފައިވަނީ ބަޔާންކުރަންވެސް ދަތި ބޮޑެތި ގެއްލުންތަކެއް ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ޣާއްޒާއަށް ދީފައި ހުރި ގެއްލުންތައް މަރާމާތުކޮށް އަލުން އާބާދުކުރަން މަސައްކަތްތަކެއް ކުރުމުގެ ކުރިން ކަށަވަރުކުރަން ޖެހެނީ ފަލަސްތީނަށް މިނިވަން ދައުލަތެއް ކަމަށެވެ.
ފަލަސްތީނަށް މިނިވަން ދައުލަތެއް ނެތި ޣާއްޒާ ތަރައްގީކުރުމަކީ ބޭކާރު ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ޣައްޒާގެ މައްޗަށް އިޒުރޭލުން ބަސްކިޔާހާ ހިނދަކު އަދި އިޒުރޭލަށް ފެންނަ ކޮންމެ ވަގުތެއްގައި ޣައްޒާއަށް ހަމަލާދޭ ގޮތަށް އޮންނަނަމަ، ރީތި އިމާރާތްތަކެއް އަނެއްކާވެސް ވާނީ ކުނިބުންޏަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.
އައްނަހްޔާން ވިދާޅުވީ އދ އިން އަދި ދުނިޔޭގެ ނުފޫޒުގަދަ ބާރުތަކުން ފަލަސްތީނަށް މިނިވަން ދައުލަތެއް ދިނުމަށް ދާންދެން ޣައްޒާގެ ތަރައްގީގައި ޔޫއޭއީ ބައިވެރި ނުވާނެ ކަަމަށެވެ.
އެހެނެއް ކަމަކު ވަޒީރު ވިދާޅުވީ ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ދަތިނުވާ ވަރަށް އެ ތަކެތި ފޯރުކޮށްދޭނެ ކަމަށެވެ.
މަދަރުސާ ދަރިވަރުންނަށް ހިލޭ އެހީދެއްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. ފަގީރު އާއިލާތަކަށް އެހީދޭ ޖަމިއްޔާތަކަށް ޔޫއޭއީ ހުޅުވާލައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.
ޔޫއޭއީގެ ކަންބޮޑުވުމަކީ އުސް ބިނާތަކެއްގެ ސިފައިގައި ގެންނަ ތަރައްގީއަށް އިޒުރޭލުގެ ސަބަބުން މެދުވެރިދާނެ ބޮޑެތި ގެއްލުންތައް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.