ދުނިޔެ

ޒެލެންސްކީ އަރިހުން ފައިސާ ހޯއްދެވުމަށް ނަތަންޔާހޫއަށް ދަންނަވައިފި

ޔަހޫދީ އާބާދީތަކަށް އޮކްޓޯބަރު ހަތެއްގައި ހަމާސް އިން އަރައިގަތުމާ ގުޅިގެން ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީން މީހުންނަށް ވަނީ ވަޒީފާ ގެއްލިފަ އެވެ. އެ މީހުން އާމްދަނީ ހޯދަން މަސައްކަތްކޮށްދީ އުޅުނީ ޔަހޫދީ ކުންފުނި ތަކަށެވެ.

ފަލަސްތީން މީހުންގެ ވަޒީފާތައް ބަންދުކުރީ ޒަޔަނިސްޓު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށެވެ. ޔަހޫދީ ކުންފުނިތަކަށް ދެވެން އޮންނަ މަގުތައް ބަންދުކުރުމުން ވަޒީފާއަށް ދެވޭނެ ގޮތް ނެތުނީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު އައްނަޙްޔާންއަށް ފޯނުކުރައްވައި -- ފަލަސްތީންގައި ވަޒީފާ ގެއްލިފައި ތިބި މީހުންނަށް އިނާޔަތެއް ދެއްވުމަށް ޒަޔަނިސްޓް ނަތަންޔާހޫ އެދިވަޑައިގެންނެވި އެވެ.

ނަތަންޔާހޫ ވިދާޅުވި އެއްޗެއް ފުރިހަމަވުމުގެ ކުރިން ހެޔޮވަރުގެ އެތިފަހަރަކުން ޖައްސަވައި -- ފައިސާ ހޯއްދަވަން ޔުކްރޭންގެ ރައީސް ޒެލެންސްކީގެ އަރިހަށް ވަޑައިގަތުމަށް ޔޫއޭއީގެ ރައީސް ނަތަންޔާހޫއަށް ދެންނެވި އެވެ.

ފަލަސްތީން މީހުންނަށް ވަޒީފާ އަދާކުރެވޭނެ ދޮރު ބަންދުކުރުމުން 100،000 އަށް ވުރެ ގިނަ މީހުންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް އެ މީހުންނަކަށް ނެތެވެ.

ނަތަންޔާހޫގެ ސަބަބުން ފަލަސްތީންގެ އާންމުނަށް ލިބެމުންދާ ގެއްލުތަކާ ހެދި ކޯފާވެ ވަޑައިގެން ޔޫއޭއީގެ ރައީސް ނަތަންޔާހޫއާ ދިމާއަށް އަޑުއުފުއްލަވައި ބަސްވިދާޅުވި ކަމަށް ނޫސްތަކުން ބުނެ އެވެ.

ފަލަސްތީންގައި -- ޣައްޒާގައި ހިނގާ ހުރިހާ ކަމެއްގެ ޒިންމާ ނަތަންޔާހޫ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ބިން ޒައިދު ވިދާޅުވި ކަމަށްވެ އެވެ.

ޔޫއޭއީގެ ރައީސް އަދި ވިދާޅުވީ ގައުމުތަކުން އެންމެ ގިނައިން މިހާރު ފައިސާ ދެނީ ޔުކްރޭންގެ ރައީސް ޒެލެންސްކީއަށް ކަމަށާއި އޭނާ ގާތަށް ވަޑައިގަތުމުން ފައިސާކޮޅެއް ދެއްވަފާނެ ކަމަށެވެ.

އަރަބި އެއްވެސް ގައުމަކުން ނަތަންޔާހޫއަށް ފައިސާ ލިބިވަޑައި ނުގަތުމުންނާއި ހުޅަނގު އައްސޭރީގެ އިގުތިސާދު ދަށަށް ގޮސް ހަމަނުޖެހުން ބޮޑުވެ އަދި އެއީ ޔަހޫދީ ޒަޔަނިސްޓުންނަށް ބިރަކަށް ވެދާނެ ކަމަށް ބައްލަވައި، ޔަހޫދީ ބޮޑުވަޒީރު މިހާރު ވަނީ ފަލަސްތީން ބައެއްް މީހުންނަށް ވަޒީފާ އަދަކުރެވޭނެ ގޮތް ހައްދަވާފަ އެވެ.

ނަމަވެސް ހަމާސް، އިސްލާމިކު ޖިހާދު އަދި ހިޒްބުﷲ ފަދަ ހަނގުރާމަވެރި އެއްވެސް ޖަމާއަތަކާ ގުޅުން ހުރި މީހަކު ޔަހޫދީ ކުންފުނިތަކަށް -- އޮފީސްތަކަށް މަސައްކަތްކުރަން ނުވައްދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.