ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުން ހަމާސް ނައްތާލަން ދެމުންގެންދާ ހަމަލާތަަކަށް ފަހު ޣައްޒާ ދެން އޮންނާނީ ޔަހޫދީންގެ ބެލުމުގެ ދަށުގަ އެވެ.
ނަތަންޔާހޫ ވިދާޅުވީ ޣައްޒާގައި ޔަހޫދީން ކިތަންމެ ދުވަހަކު ވެސް ތިބެން ޖެހިދާނެ ކަށާއި އެކަމަށް އަދި މުއްދަތު ކަނޑައެޅިފައި ނުވާ ކަމަށެވެ.
ޣައްޒާގައި ހިނގާ ނުހިނގާ ހުރިހާ ކަމެއް ޔަހޫދީންނަށް އެނގޭ ގޮތަށް ކޮންޓްރޯލް ކުރަން ޖެހެނީ -- ޔަހޫދީ ބޮޑުވަޒީރު ވިދާޅުވި ގޮތުން އެ ނޫން ގޮތަކަށް ޔަހޫދީންގެ ރައްކާތެރިކަށް ކަށަވަރުކުރެވެން ނެތުމުންނެވެ.
ޣައްޒާއިން ހަމާސް ނައްތާލުމަށްފަހު ޣައްޒާގެ ވެރިކަން ހަވާލުކުރާނެ ބަޔަކު ކަނޑައެޅުމަށް ޔަހޫދީ ބޮޑުވަޒީރަށް އެމެރިކާއިން ބާރުއެޅުމުން ނަތަންޔާހޫ އޭރު ވިދާޅުވީ ފުރަތަމަ ކަމަކަށް އޮތީ ހަމާސްގެ ޒަމާން ދުއްވާލުން ކަމަށެވެ.
ޣައްޒާ ހަނގުރާމައަށް މަސްދުވަސް ފުރުމާ ދިމާކޮށް ހަނގުރާމައަށް ފަހު ޣައްޒާ އޮންނާގެ ގޮތް އެމެރިކާގެ ޓީވީ ޗެނަލަށް ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ.
ނަތަންޔާހޫ ވިދާޅުވި ގޮތުން ޣައްޒާ އެހެން ބަޔަކާ ހަވާލުކުރުމުގެ ވިސްނުމެއް ޔަހޫދީ ސަރުކާރުން އަދި ނުގެންގުޅެ އެވެ. އެ ވިސްނުމަށް ރުޖޫއަވުން އޮތީ ނަތަންޔާހޫ ވިދާޅުވި ގޮތުން ހަނގުރާމަވެރިން މުޅިން ސާފުކުރެވުމުންނެވެ.
ޣައްޒާގެ ހިންގުން ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސްގެ ޒައާމަތާ ހަވާލުކޮށްފިނަމަ ކަންތައް ވެދާނެ ގޮތާ ބެހޭ ގޮތުން ސުވާލުކުރުމުން ފަތަހަ ޖަމާއަތުގެ އޮފިޝަލަކު ކުރިން ވިދާޅުވީ ޔަހޫދީން ހިފާފައި އޮތް ހުރިހާ ބިންތަކެއް ދޫކޮށްނުލަނީސް ޣައްޒާގެ ވެރިކަމާ ހަވާލު ނުވާނެ ކަމަށެވެ.
އެމެރިކާގެ އޭބީސީ ނިއުސްއަށް ދެއްވި އިންޓައުގައި ޣައްޒާއިން މަރުވާ މީހުންގެ އަދަދާ ބެހޭ ގޮތުން ވެސް ނަތަންޔާހޫ ވާހަކަދެއްކެވި އެވެ.
ނަތަންޔާހޫ ވިދާޅުވީ ޣައްޒާގެ ހެލްތު މިނިސްޓްރީން އެ ބުނާ އަދަދަށް މީހުން މަރުވާނެ ކަމާ މެދު ޝައްކު ކަމަށެވެ. އެހާ ގިނައިން މީހުން މަރުނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ މި މޭރުމުން ބަސްވިދާޅުވެ ޣައްޒާއިން މީހުން މަރުވާ އަދަދު ގަބޫލުކުރައްވަން އިންކާކުރުކުރައްވާފަ އެވެ.