ދުނިޔެ

ހަމަލާތައް ހުއްޓާލަން ދެކޮޅު: ނަތަންޔާހޫ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ޔަހޫދީ ދައުލަތުގެ ވެރިންގެ އަރިހަށް ވަޑައިގެން އަދިވެސް ހުންނެވީ ޔަހޫދީން ފޭރިގެންފައި އޮތް ފަލަސްތީންގެ ބިމުގަ އެވެ.

މިއީ އޮކްޓޯބަރު ހަތެއްގައި ހަމާސްގެ އަސްކަރީ ޔުނިޓުން ޔަހޫދީ އާބާދީތަކަށް ދިން ހަމަލާތަކަް ފަހު ޔަހޫދީންނަށް އޯގާތެރިވެ ވަޑައިގެން އެ މީހުންގެ ގާތަށް ބްލިންކެން ކުރެއްވި ތިންވަނަ ދަތުރެވެ.

ބްލިންކެންގެ މި ދަތުރުގެ ބޭނުމަކީ ދުނިޔެއަށް ދަޅަދެއްކެވުމެވެ. ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ގަދައަޅާ މަސައްކަތް ކުރައްވާކަން ދެއްކެވުމެވެ.

ޣައްޒާއަށް ޔަހޫދީން ދެމުންދާ ހަމަލާތައް މެދުކަނޑާލުން ނުވަތަ ހުއްޓާލުމަށް ގޮވާލެއްވުމަކީ ވެސް ހަބަރުތަކުގައި ޖަހާލަން ރީތި ސުރުހީތަކެއްކަން އެންޓަނީ ބްލިންކެންއަށް އެނގިވަޑައިގަންނަވަ އެވެ.

ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ކިތަންމެ މަޝްވަރާއެއް ބްލިންކެން ކުރެއްވި ނަމަވެސް ޔަހޫދީން ބޭނުން ނުވާ ގޮތަކަށް އެއްވެސް ކަމެއް ނުނިމޭނެ އެވެ.

ޔަހޫދީން އިސްތިއުމާރުކޮށްފައި އޮތް ފަލަސްތީންގެ ބިމަށް ބްލިންކެން ވަޑައިގެން ހަނގުރާމަ މަޑުޖައްސާލުމަށް ދެެންނެވުމުގެ ކުރިންވެސް ޔަހޫދީ ބޮޑުވަޒީރު ނަތަންހޫ ގެންދެވީ ނޫނެކޭ ވިދާޅުވުމަށް އޭނާގެ ބޯ ހޫރައްވަމުންނެވެ. އެ ހިސާބުން މަޝްވަރާތައް ނިމުނީ އެވެ.

އެމެރިކާ ދެކޭ ގޮތުން ޔަހޫދީން ޖަހައިގެންފައި އޮތް ފަލަސްތީންގެ ބިމަކީ ޔަހޫދީންގެ އަމިއްލަ ބިމެކެވެ. އެ ތަނުގައި ޔަހޫދީންނަށް ތިބެވެން ޖެހޭނެ އެވެ. ބޭރުވާން ޖެހޭނީ ފަލަސްތީން މީހުންނެވެ.

އެމެރިކާ ބޭނުންމަ މިހާރުވެސް ފަލަސްތީނަށް މިނިވަން ދައުލަތެއް ދެވިދާނެ އެވެ. ފަލަސްތީން މައްސަލަތަކަށް ހައްލެއް ނުލިބި ޒަމާންތައް ފާއިތުވެގެން ގޮސްފައިވަނީ ހަމައެކަނި އެމެރިކާއާ ހެދި އެވެ.

އެންޓަނީ ބްލިންކެން، ނަތަންޔާހޫއާ ބައްދަލުކުރައްވައި ޣައްޒާއަށް ޔަހޫދީން ދެމުންދާ ހަމަލާތައް ވަރުގަދަކުރުމަށް އިތުރު ހަތިޔާރު އެމެރިކާއިން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އިތުރު ކަމެއް އޮތްނަމަ ބޮޑާހާކައި ކުސްތެޅުއްވުމަށް ވެސް ޔަހޫދީ ބޮޑުވަޒީރުގެ އަރިހުގައި ދެންނެވި އެވެ.

ޔަހޫދީ އަސްކަރީ ޖެޓުތަކުން ޣައްޒާއަށް ހަމަލާތައް ދެމުން ގެންދަނީ އެމެރިކާއިން ފޯރުކޮށްދޭ މައުލޫމާތަށް ބިނާކޮށެވެ.

ޔަހޫދީންނަށް ޖާސޫސްކޮށްދިނުމަށާއި ހަތިޔާރު ސަޕްލައިކުރުމަށް އެ ސަރަހައްދުގައި މިހާރު ވެސް އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެ މަނަވަރެއް ހަރަކާތްތެރިވެ އެވެ.