ދުނިޔެ

ހަމަލާތަކެއްވެސް ނުހުއްޓާނަން، ތެލެއްވެސް ނުދޭނަން: ނަތަންޔާހޫ

އޮކްޓޯބަރު ހަތެއްގައި ހަމާސްއިން ވަރަށް ކުއްލި ގޮތަށް ޔަހޫދީ އާބާދީތަކަށް ދިން ހަމަލާތަކާ ގުޅިގެން ޔަހޫދީ ސަރުކާރުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓައި ނުލައްވާނެ ކަމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ ވިދާޅުވީ އާންމު ރައްޔިތުން ކަނުއަނދިރީގައި ތިބެންޖެހުނަސް، ޣައްޒާއަށް ތެޔޮ ވެއްދުން ލާހިކު ނޫން ކަމަށާއި ޣައްޒާއަށް ތެޔޮ ވަންދަން އެދޭނަމަ ހަމާސްއަށް އޮތް ހަމައެކަނި ގޮތަކީ އަސީރުން ދޫކޮށްލުން ކަމަށެވެ.

އަސީރުން މިނިވަންކުރުމަށް ދާންދެން ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާއަށް ބޮންއަޅާނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަމާސްއިން އަސީރުންގެ ގޮތުގައި 242 މީހަކު ވަނީ ހިފަހައްޓާފަ އެވެ.

އަސީރުންގެ ތެރެއިން ބައެއް މީހުން ޔަހޫދީންގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ހަމާސް އިން ބުނި ނަމަވެސް މިކަމުގެ ހަގީގަތް އަދި މުޅިން ސާފެއް ނުވެ އެވެ.

ނަތަންޔާހޫ ވިދާޅުވީ އަސީރުން މިނިވަންކުރުމަށްޓަކައި އެ މީހުން ތިބި ތަނަކަށް ޔަހޫދީ ސިފައިން ވަންނާނެ ކަމަށެވެ. ހަމާސްއަށް ވިސްނާލެވިފައި ވެސް ނުވާހާ މޮޅަށް ޔަހޫދީ ސިފައިން ޣައްޒާ ތެރޭގައި ފެތުރިގަންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ހަބަރުތައް ބުނާ ގޮތުން ޣައްޒާގެ ބޯޑަރުގައި ބަދަލުކުރި ހަމަލާތަކަށްފަހު ޔަހޫދީ ސިފައިން މިހާރު ތިބީ ޣައްޒާއަށް ވަދެ އެވެ. ނަމަވެސް ޣައްޒާގެ އެތެރެ އޮތް ގޮތް ޔަހޫދީންނަށް ރަނގަޅަށް ނޭނގޭ ކަމަށް ވެއެވެ.

ޔަހޫދީ ސިފައިން ޣައްޒާ ތެރެއަށް ވަދެގެންފިނަމަ މުޅި ސަރަހައްދު ވެގެންދާނީ ޔަހޫދީންނަށް ސަހަރާއަކަށް ކަމަށް ހަމާސް އިން އޮތީ ކުރިއާލައި ބުނެފަ އެވެ. ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲވެސް މިފަދަ ވާހަކަދެއްކި އެވެ.

މެދުއިރުމަތިގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި ހަމާސް ނައްތާލުމަކީ ޔަހޫދީ އަސްކަރިއްޔާއަށް ކުރެވޭނެ ކަމެއް ނޫނެވެ.

ހަނގުރާމައިގެ މައިދާނެއްގައި ހަމާސްއިން ބޭނުންކުރާ އުކުޅުތަކުގެ ސަބަބުން ޔަހޫދީންނަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށްވެސް ތަޖުރިބާކާރުން ދެކެ އެވެ.

ޣައްޒާއަށް އެއްގަމު މަގުން އަރައިގަތުމުގައި އޮތް ނުރައްކާތެރި ކަމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ޔަހޫދީ ބޮޑުވަަޒީރަށް ނަސޭހަތްތެރިވެފަ އެވެ.

ބައިޑަން ވިދާޅުވީ ޣައްޒާއަށް އެއްގަމު މަގުން އަރައިގެން އެއްވެސް ކަމެއް ހާސިލު ނުވެދާނެ ކަމަށެވެ. އަފްޣާނިސްތާންގައި އެމެރިކާ ސިފައިންނަށް ޖެހުނު ހާލު -- ޣައްޒާގައި ޔަހޫދީ ސިފައިންނަށް ޖެހިދާނެ ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.