ދުނިޔެ

ހަމާސް ސުންނާފިކޮށްފަ ނޫނީ ނުހުއްޓާނަން: ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން. ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާގައި، ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލާނީ ހަމާސްއާ ގުޅުންހުރި ހުރިހާ ތަނެއް ސުންފާތިކޮށްފައި ކަމަށް ޔަހޫދީ ބޮޑުވަޒީރު ވިދާޅުވެއްޖެ އެވެ.

ޣައްޒާއިން ޔަހޫދީ ސިފައިން މިފަހަރު ފައިބާނީ ހަމާސް މުޅިން ކޮރުކޮށް އަދި ހިންގުމުގެ ހުރިހާ ބާރެއް ކަނޑުވާލާފައި ކަމަށް ޔަހޫދީ ނަތަންޔާހޫ ވިދާޅުވި އެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުގައި ހަމާސްއިން ޔަހޫދީ ދައުލަތަށް އަރައިގަތީ ޔަހޫދީން ހިމޭނުން ތިއްބަ އެވެ. ޣައްޒާއަށް ހަމަލާއެއް ދިނުމެއް ނެތި ހާލަތު ފަސޭހަކޮށްދީފައި އޮތް ދަނޑިވަޅެއްގައި ޔަހޫދީ އާބާދީތަކަށް އަރައިގަތުމުގެ އަދަބު ވަރަށް ބޮޑުވާނެ ކަމަށް ޔަހޫދީ ބޮޑުވަޒީރު، ޕޫޓިންއަށް ދެންނެވި އެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިން އިން ބުނާ ގޮތުން ޔަހޫދީ ބޮޑުވަޒީރަށް ޕޫޓިން ފޯނުކުރެއްވީ ޣައްޒާއަށް އެހީ ފޯރުކޮށްދޭން ބޭނުންވާ ދައުލަތްތަކަށް މަގުފަހިކޮށްދެއްވުމަށެވެ.

ޣާއްޒާ ތަޅުލައި އެ ސަރަހައްދުން މީހަކަށް ނުކުމެވޭނެ ގޮތް ނެތް ގޮތުގައި ބާއްވައި ޔަހޫދީ އަސްކަރީ ޖެޓުތަކުން ދެމުންދާ ހަމަލާތަކުގެ ސަބަބުން މުޅި ޣައްޒާ މިހާރު އޮތީ ކުނިވެފަ އެވެ.

އިމާރާތްތައް ބިމާ ހަމަކޮށް އާއިލާތަށް ދުނިޔެއިން ނައްތާލުމަށް ޔަހޫދީ ދައުލަތުން ދެމުންދާ ހަމަލާތަކަކީ، ޔަހޫދީންގެ ދިފާއުގައި ދެމުންދާ ހަމަލާތަކެއް ނޫން ކަމަށް ބައިނަލްއަގްވާމީ ޖަމާއަތްތަކުން ބުނެ އެވެ.

ޔަހޫދީ ދައުލަތުގެ ބޭނުމަކީ ފަލަސްތީންގެ ނަސްލު ނައްތާލައި އެ ބިމަށް ވެރިވެގަތުން ކަމަށް ވެސް މިނިވަން ޖަމާއަތްތަކުން ބުނެ އެވެ.

ޕޫޓިންގެ ފޯނުކޯލުުގައި ޣައްޒާގެ އާންމުންނަށް ހަމަލާތައް އަމާޒުނުކުރުމަށް ހަޔޫދީ ބޮޑުވަޒީރަށް ދެންނެވި ކަމަށް ކްރެމްލިންއިން ބުނެ އެވެ.

ހަނގުރާމަވެރި ގުރޫޕްތަކުން އާންމު ރައްޔިތުންނަށް ހަމަލާދިނުމަކީ ރަޝިއާ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ނަތަންޔާހޫއަށް ޕޫޓިން ދެންނެވި އެވެ.

ފަލަސްތީންއާ ޔަހޫދީންއާ ދެމެދު ސިޔާސީ ހައްލެއް ހޯދުމަށް ރަޝިއާ މަސައްކަތްކުރާނެ ކަމަށް ރިޔާސީ ގަނޑުވަރުން ބުންޏެވެ.

ފަލަސްތީންއާ ޔަހޫދީނަށް މިނިވަންކަމުގައި އުޅުމަށް، މިނިވަން ދެ ދައުލަތަކީ އެންމެ ބޮޑު ޝަރުތު ކަމަށް ވެސް ރަޝީއާ އިން ބުންޏެވެ.