ދުނިޔެ

އިޒުރޭލުގެ އަސްކަރިއްޔާގެ ވެރިންނަށް ބަޣާވާތުގެ ތުހުމަތު

އިޒުރޭލުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި އޭނާގެ ފިރިކަލުން -- ބެންޖަމިން ނަތަންޔާހޫ މަގާމުން ދުރުކުރުމަށް، އެ ގައުމުގެ އަސްކަރިއްޔާގެ ވެރިން ބަޣާވާތްކުރަން އުޅޭ ކަމަށް ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

އަސީރުންގެ ގޮތުގައި ހަމާސްއިން ހިފަހައްޓާފައި ތިބި އިޒުރޭލު މީހުންގެ އާއިލާތަކާ ބައްދަލުކުރައްވައި ސާރާ ނަތަންޔާހޫ ވިދާޅުވި ގޮތުގައި އަޑި ނޭނގޭ ރޭވުންތަކެއް އަސްކަރިއްޔާގައި އޮތް ކަމަށެވެ.

ސާރާ ދެކެވަޑައިގަންނަވާ ގޮތުގައި އަސީރުން މިނިވަން ނުކުރެވިގެން އުޅެނީ އަސްކަރިއްޔާ އަދުލުވެރި ނުވުމުގެ ސަބަބުންނެވެ.

އޭނާގެ ފިރިކަލުންނަށް ތުރާކުރުމަށް އަސްކަރިއްޔާގެ ވެރިން ބޮޑުވަޒީރުގެ އަމުރަށް ތަބާނުވާ ކަމަށްވެސް ސާރާ ތުހުމަތުކުރެއްވި އެވެ.

ސާރާ ވިދާޅުވި ގޮތުގައި ނަތަންޔާހޫއާ ދެކޮޅަށް ބާޣާވާތެއް ރާވަނީ އަސްކަރިއްޔާގެ މަތި ފަޑީގައި ތިއްބެވި ޖެނެރަލުންނެވެ. އިޒުރޭލުގެ ދިފާއީ ބާރުގައި ތިބި އާންމު ސިފައިންނަށް މިކަން އަދި ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބެންޖަމިން ނަތަންޔާހޫގެ އާއިލާ ދެކޭ ގޮތުގައި އޮކްޓޯބަރު ހަތެއްގައި ހަމާސްއިން އިޒުރޭލަށް ހަމަލާދެވުނީ ވެސް އަސްކަރިއްޔާ ވަފާތެރި ނުވުމުގެ ސަބަބުންނެވެ.

ނަތަންޔާހޫގެ ފިރިހެން ދަރި ޔައީރު ނަތަންޔާހޫ ވެސް ވަނީ މި މޭރުމުން ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އިޒުރޭލުގައި މިހާރު ހިނގާ ހަމަނުޖެހުންތަކަކީ އޭނާގެ ބައްޕައާ ދެކޮޅަށް ބަޔަކު ރާވައިގެން ހިންގާ ދެކޮޅުވެރި ކަމެކެވެ.

އޮކްޓޯބަރު ހަތެއްގައި ހިނގާދިޔަ ހާދިސާ ތަހުގީގުކުރުމަށް އަސްކަރިއްޔާ ދެކޮޅު ހަދާ ސަބަބާ ބެހޭ ގޮތުންވެސް ޔައީރު ސުވާލު އުފެއްދެވި އެވެ.

އަސްކަރިއްޔާގެ ތެރޭގައި ދެފުށްފެންނަ ނިޒާމެއް އޮތް ނަމަ މައްސަލައަށް ހުރަސްއަޅަނީ ކީއްވެތޯ އޭނާ ސުވާލުކުރެއްވި އެވެ. ކޮންމެވެސް ކަމެއް ސިއްރުކުރަން ހަދައިގެން އިންސާފުން ބޭރުވަނީ ކަމަށްވެސް ވިދާޅުވި އެވެ.

ޣައްޒާ ހަނގުރާމައާ ގުޅިގެން ބެންޖަމިން ނަތަންޔާހޫގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ޔަހޫދީން ގަބޫލުކުރާ ގޮތުގައި އެ މީހުންގެ ވެރިން ރައްޔިތުންނަށް ލޯތްބެއް އޮތް ނަމަ ޣައްޒާ ހަނގުރާމަ އަކީ ހިނގާނެ ހަނގުރާމައެއް ނޫނެވެ.

ހަނގުރާމަ ހުއްޓާލައި ހަމާސްއާ އެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށްވެސް ޒަޔަނިސްޓުން ވަނީ ބޮޑުވަޒީރަށް ގޮވާލާފަ އެވެ. އެ މީހުން ބުނާ ގޮތުން ސަރުކާރުން އެ މީހުންގެ ނަސޭހަތެއްވެސް އަޑުނޭހި އެވެ.