ދުނިޔެ

އަސީރުން މިނިވަންކުރުމުގެ ބަދަލުގައި ނަތަންޔާހޫގެ އޮތީ އެހެން އެޖެންޑާއެއް

މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ޔަހޫދީ އާބާދީތަކަށް އަރައިގަނެ އަސީރުންގެ ގޮތުގައި ހިފެއްޓި 137 ޔަހޫދީންގެ ތެރެއިން އަދިވެސް އެތައް ބަޔަކު ތިބީ ހަމާސްގެ ބަންދު ގައެވެ.

އިޒުރޭލުގެ އާއިލާތަކުން އަސީރުން މިނިވަންކުރަން ގޮވާލައި ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް ޕްރެޝަަރުކުރި ނަމަވެސް ހަމަލާތަކަށް ފަސް މަސް ދުވަސް ވެގެން ދާއިރުވެސް އެކަން ހައްލުކުރާނެ ގޮތެއް ނަތަންޔާހޫއަށް އެނގިވަޑައިގަތް ކަމަކަށް ނުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަސީރުން މިނިވަންކުރުމަށް ވުރެ ނަތަންޔާހޫއަށް މުހިއްމު އޮތީ އޭނާގެ އަމިއްލަ އެޖެންޑާ އެކެވެ. އެއީ ވެރިކަމުގައި ގިނަ ދުވަހު ހުންނެވޭނެ ގޮތެއް ހޯއްދެވުމެވެ.

އިޒުރޭލުގައި އާންމުންގެ މެދުގައި ނަތަންޔާހޫއަށް މިހާރު ތާއީދެއް ނެތެވެ. އިޒުރޭލުގެ އިދާރާތައް ދޮށަށް އާންމުން އެއްވެ، ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވައި ތަންތަނުގައި ހުޅުޖަހާނެ ކަމަށް ދަނީ ގޮވަމުންނެވެ.

ރައްޔިތުން މަޖިލީހުގައި ނަތަންޔާހޫ ހުންނަވަނިކޮށް އެ އިމާރާތް ދޮށަށް ޖަމާވެ ބޮޑުވަޒީރާ ކުރިމަތިލައި ހަމަނުޖެހުން ހިންގާ ވަރަށް އާންމުންގެ ނަފުރަތު އޭނާއަށް އެބައޮތެވެ.

އިޒުރޭލުގެ ކޯޓުތަކުގައި ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލަތަކެއްވެސް އޮތީ ހިނގަހިނގަ އެވެ. އޭނާ މި ފަހަރު ބޮޑުވަޒީރުގެ މަގާމަށް އިސްކުރެވުނުއިރުވެސް މި މައްސަލަތައް އޮތީ ހޫނުކަމުގައި ހިނގަހިނގަ އެވެ.

ބޮޑުވަޒީރުގެ މަގާމުގައި ހުންނެވިހާ ދުވަހަކު އޭނާގެ މައްޗަށް ހުކުމެއް ނުކުރެވޭނެތީ ނަތަންޔާހޫ މިހާރު ބައްލަވަނީ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ދިގުދަންމާލައިގެން މަގާމުގައި ހުންނެވުމަށެވެ.

އަސީރުން މިނިވަންކުރަން މަޝްވަރާކުރާ ކަމަށް އާންމުންނަށް ދައްކުވައި، ހަމާސްގެ ޝަރުތުތަކަށް ތަކުރާރުކޮށް އިންކާރުކުރެއްވުމަކީވެސް ކުރިމަތީގައި ހުރި މައްސަލަަތަކަށް ބޮނދަން ޖައްސަވާ މަޅިތަކެކެވެ.

ހަނގުރާމަ ދިގުލައިގެން ދިޔަ ވަރެއް ނަތަންޔާހޫއަށް ރަނގަޅެވެ. ހަނގުރާމަ ދަމަހައްޓަން ބޭނުންވާ ހަތިޔާރު އެމެރިކާއާއި އިނގިރޭސިވިލާތުން ފޯރުކޮށްދެމުން ގެންދާހާ ހިނދަކު، އަސީރުން މިނިވަންކުރާނެ ގޮތެއް ނަތަންޔާހޫއަށް ފެނިވަޑައިގެންނެވި ކަމަކަށް ނުވާނެ އެވެ.