ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓުގައި -- ނެޝަނަލް ސެކިއުރިޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިތަމާރު ބެންގަވީރުގެ އަމުރަށް، އާންމުންނަށް އޮޓަމެޓިކް ރައިފަލް ދީފި އެވެ.
މިއީ ފަަލަސްތީން މީހުންގެ ގަޔަށް ބަޑިޖަން ދިން ރައިފަލްތަކެކެވެ.
ފަލަސްތީން ބިންތަކުގައި ގެދޮރުއަޅައި އާބާދުވެގެން ތިބި ޔަހޫދީ އާބާދީތަކަށް ސަރުކާރުން ރައިފަލް ދީފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު، ޣައްޒާއިން ދިން ހަމަލާތަކަށްފަހު ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް ވަދެގަތުމުންނެެވެ.
ބެންގަވީރުގެ އަމުރަށް އޮތާމެޓިކް ރައިފަލްތައް ފުރަތަމަ ބުރުގައި ހަވާލުކޮށްފައިވަނީ ވަކިވަކި އާބާދީތައް ބެލެހެއްޓުން މަސްއޫލުކޮށްފައިވާ އާންމު ކައުންސިލް ތަކަށެވެ.
އާންމު ކައުންސިލްތަކުން ބޭނުންވެއްޖެ ހިނދެއްގައި މި ރައިފަލްތައް ވަކިވަކި ފަރުދުންނާ ހަވާލުކުރުމަކީ އެ ކައުންސިލަކުން ހިންގައި ބަލަހައްޓާ ކަމެކެވެ. މިގޮތުން އާބާދީތަކަށް ހަނގުރާވެރިންގެ އުނދަގުލެއް ދިމާވެއްޖެނަމަ ބަޑިޖަހައި ފައްސާލުމަށް ސަރުކާރުން އޮތީ ހުއްދަ ދީފަ އެވެ.
ރައިފަލްތައް ބަހާފައިވަނީ އަރަބިންނާއި ޔަހޫދީން އެކުއެކީގައި އުޅެމުންދާ އާބާދީތަކަށެވެ. މިއީ ޔަހޫދީ ދައުލަތާ ދެކޮޅަށް ބަޔަކު ތެދުވެދާނެ ކަމަށް ބެލެވޭ އަވަށްތަކެކެވެ.
މި ރައިފަލްތަކުގައި ބޭނުންކުރާ ވަޒަނާއި އަދި ގުޅުން ހުރި އާލާތްތައް ހޯދައިދޭނެ ކަމަށްވެސް ނެޝަނަލް ސެކިއުރިޓީ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ނެޝަނަލް ސެކިއުރިޓީ މިނިސްޓްރީން އަމުރުކޮށްފައިވާ ގޮތުން ޣައްޒާ އާއި ހުޅަނގު އައްސޭރި ބޯޑަރު ފަށުގައި ދިރިއުޅޭ ޔަހޫދީ އާބާދީތަކަށް، ރައިފަލް ބެހުމުގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. އަދި އެ އަވަށްތަކުގައި މަދަނީ އެހީތެރިންގެ އަތަށްވެސް ރައިފަލް ދޭން ޖެހެ އެވެ.
އިތަމާރު ބެންގަވީރު މަދަނީ ޖަމިއްޔާތަކަށް އަންގަވާފައިވަނީ ފަލަސްތީން މީހުންގެ ބަޔަކު ހަމަނުޖެހުން ހިންގަން އުޅޭ ނަމަ ބަޑިޖަހައި މަރާލުމަށެވެ. ފަލަސްތީން މީހުންނާ އެކު މަޝްވަރާކޮށް ސުލްހަވުމަކި އާންމު ރައްޔިތުންނަށް އޮތް ކަމެއް ނޫން ކަމަށް ހައްދުފަހަނައެޅި ޔަހޫދީ ބެންގަވީރު ވިދާޅުވި އެވެ.
ޔަހޫދީ އާބާދީތަކަށް ހަމާސް އިން މިހާރު ދެމުން ގެންދާ ހަމަލާތަކުގައި ޔަހޫދީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މި ހަނގުރާމައިގައި ޣައްޒާއަށް ވެސް ވަރަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ.