މޯލްޑިވްސް ޕޮލިސް ސާވިސް

އެހީތެރިކަމަށް އެދި ގޮވަމުން ދިޔަ އަންހެނަކު ބާރުގެ ބޭނުންކޮށްގެން ސަލާމަތްކޮށްފި

ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި ފުލުހުން ބާރުގެ ބޭނުންކުރުމަށްފަހު، ސަލާމަތަށް އެދި ގޮވަމުން ދިޔަ އަންހެނަކު ސަލާމަތްކޮށް ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ލާމިޔާ، އަހްމަދު އުވައިސް (20 އ) އާއި މއ. ތްރީމޫންސް، މުހައްމަދު މުމީތު އެވެ.

ފުލުހުން ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި ސަލާމަތް ކުރުމަށް އެދި އަންހެނަކު ގޮވައި، ރޯއަޑު އިވޭތީ ފުލުހުން އެތަނަށް ދިޔަ ކަމަށެވެ. ފުލުހުން ގޮސް އެޕާޓްމަންޓްގެ ދޮރު ހުޅުވުމަށް ބުނުމުން އެތެރޭގައި ހުރި ފިރިހެނަކު ދޮރު ހުޅުވުމަށްފަހު ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރު ލައްޕައި ތަޅުލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ އެޕާޓްމަންޓުގެ ދޮރު ލެއްޕި ފަހުން އަނެއްކާވެސް އަންހެން މީހާ ސަލާމަތަށް އެދި ހަޅޭއްލަވާތީ އެ އެޕާޓްމަންޓުގެ ދޮރު ހުޅުވުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް ދޮރު ނުހުޅުވުމުން ބާރުގެ ބޭނުންކޮށްގެން ދޮރު ހުޅުވައި އެޕާޓްމަންޓަށް ފުލުހުން ވަދެ އެންހެން މީހާ ސަލާމަތް ކުރީ ކަމަށެވެ.

"މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" އަންހެން މީހާއަށް ދިމާވި ހާދިސާގެ އެއްވެސް މައުލޫމާތެއް ނުދީ ފުލުހުން ބުނެފައިވެ އެވެ.

ހިޔާގެ ބައެއް އެޕާޓްމަންޓްތަކުގައި ޖިނާއީ ކުށްކުރުން އިތުރުވަމުންދާތީ އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ ޔުނިޓެއްވެސް މިހާރު ވަނީ އެ ސަރަހައްދުގައި ގާއިމުކޮށްފަ އެވެ.