ޓޫރިޒަމް

އިންޓަނެޓްގައި ރާއްޖެ ހޯދާ މީހުންގެ އަދަދު މާބޮޑަށްވެސް ކުރީގައި

އިންޑިއާ އިން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ފެށި މަސައްކަތާ އެކުވެސް ސާޗް އިންޖިން -- ގޫގުލްގައި ރާއްޖެ ކުރި ހޯދައިފި އެވެ.

އިންޑިއާގެ އެކި ފަންތީގެ މީހުން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް މަސައްކަތް ކުރަނީ އިންޑިއާގެ ބާރުގެ ދަށުގައި އޮތް ގުދުރަތީ އަތޮޅެއް ކަމަށްވާ ލަކްޝަދީޕްގެ ރަށްތަކެއް ބޭނުންކޮށްގެންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ގޫގުލްގައި ލަކްޝަދީޕަށް ވުރެ ރާއްޖެ އުޅެނީ މާބޮޑަށްވެސް ކުރީގައެވެ. ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނަން ބޭނުންވެ ގޫގުލްގައި ރާއްޖެ ހޯދާ މީހުންގެ އަދަދުތައް އުޅެނީ މާބޮޑަށްވެސް ކުރީގައެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޔޫރަޕްގެ މާކެޓްތަކަށް ބަލާއިރު ގޫގުލް ސާޗް ޓްރެންޑުގައި ރާއްޖެ އުޅެނީ 98 ޕަސެންޓަށް ވުރެ މަތީގަ އެވެ. ރާއްޖެއަށް ދެވަނަ އަށް ނުވަތަ ތިންވަނައަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަ ޗައިނާ މާކެޓްގެ ގޫގުލް ސާޗް ޓްރެންޑުގައި ރާއްޖެ އުޅެނީ 91 ޕަސެންޓުގަ އެވެ.

އިންޑިއާ މީހުން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވަން ފެށީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބަށް ވަޑައިގެން ނެންގެވި ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުކުރުމާ އެކު އިންޑިއާގެ ފަތުރުވެރިން ދެން ރާއްޖެއަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ރާއްޖެ ދައްކޮށްލުމުގެ ނިޔަތުގައި އިންޑިއާގެ ބައެއް ރައްޔިތުން ސޯޝަލްމީޑިއާގައި ފާޅުކުރި ޝުއޫރުތަކަކަށް ދިވެހިން ވަރުގަދައަށް ރައްދު ދޭން ފެށުމުންނެވެ.

މައްސަލަ ހޫނުވީ ސަރުކާރުގެ އިސް އޮފިޝަލުންގެ ތެރޭގައި ހިމެނޭ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޔޫތު މިނިސްޓްރީގެ މަރިޔަމް ޝިއުނާ އާއި، މަލްޝާ ޝަރީފާ އަދި އަބްދުﷲ މަހްޒޫމް މާޖިދު، މޯދީއަށް އަމާޒުކުރައްވާ ބޭނުންކުރި ބޭއަދަބީ ބަސްތަކެއްގެ ސަބަބުންނެވެ. މިތިން ބޭފުޅުން މިހާރު ވަނީ ވަޒީފާ އިން ސަސްޕެންޑްކޮށްފަ އެވެ.

ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ހިނގަމުންދާ ސޯޝަލްމީޑިއާ ކޯޅުން ބޮޑުވެފައި އޮތް އިންޑިއާ ސަރުކާރުން އިއްޔެ ވަނީ އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު އިބްރާހީމް ޝިހާބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ވެސް ހާޒިރުކޮށްފަ އެވެ. އަދި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރުވެސް އިއްޔެ ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރުވި އެވެ. ނަމަވެސް އިންޑިއާ ސަފީރުގެ ބައްދަލުވުމަކީ ދުރާލައި ރޭވިފައި އޮތް ބައްދަލުވުމެއް ކަމަށް ފަހުން ބުނެފައިވެ އެވެ.