ޓޫރިޒަމް

ބޮއިކޮޓް ހަރަކާތުން އިންޑިއާ ފަތުރުވެރިން މަދެއްނުވޭ: މަޓާޓޯ

އިންޑިއާގައި މިހާރު ކުރިއަށްގެންދާ "ބޮއިކޮޓް މޯލްޑިވްސް" ހަރަކާތުގެ ސަބަބުން އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުނުވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.

އިންޑިއާ ފަތުރުވެރިން ބުކިން ކެންސަލްކުރި މިންވަރު ބެލުމަށް މަޓާޓޯ އިން ކުރި ސާވޭގެ ނަތީޖާ ހިއްސާކޮށް ބުނީ އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ގިނަ އަދަދަކަށް އަންނަން ފެށީ 2020 ވަނަ އަހަރުން ފެށިގެން ކަމަށާއި އިންޑިއާ ފަތުރުވެރިން ގިނަވީ ކޮވިޑް-19 އާއި ކަރަންޓީނާ ގުޅިގެން ކަމަށެވެ.

ރާއްޖެއަށް އިންޑިއާއިން 2020 ވަނަ އަހަރު 62،690 ފަތުރުވެރިން ޒިޔާރަތްކުރިއިރު 2021 ވަނަ އަހަރު 292،000 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. 2022 ވަނަ އަހަރު އިންޑިއާއިން 241،000 ފަތުރުވެރިން އަދި މިދިޔަ އަހަރު 209،100 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

މަޓާޓޯ އިން ބުނީ އިންޑިއާގެ ބައެއް ބުކިންތައް ކެންސަލްކޮށްފައިވާ ކަމަށާއި ނަމަވެސް އަހަރުގެ މިހާތަނަށް އިންޑިއާގެ ފަތުރުވެރިކަން ދަށްވެފައިވަނީ ފާއިތުވި އަހަރުތަކުގައިވެސް މި މަހު އިންޑިއާ ފަތުރުވެރިންގެ އަދަދު މަދުވާ މިންވަރަށްކަން ސާވޭއިން ދައްކާ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބަށް ވަޑައިގެން ނެންގެވި ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުކުރުމާ އެކު އިންޑިއާގެ ފަތުރުވެރިން ދެން ރާއްޖެއަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ރާއްޖެ ދަށްކޮށްލުމުގެ ނިޔަތުގައި އިންޑިއާގެ ބައެއް ރައްޔިތުން ސޯޝަލްމީޑިއާގައި ޝުއޫރުތައް ފާޅުކުރި އެވެ.

އެ ޝުއޫރުތަކަށް ދިވެހިން ވަރުގަދައަށް ރައްދުދޭން ފެށިއިރު މައްސަލަ ހޫނުވީ ސަރުކާރުގެ އިސް އޮފިޝަލުންގެ ތެރޭގައި ހިމެނޭ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޔޫތު މިނިސްޓްރީގެ މަރިޔަމް ޝިއުނާ އާއި، މަލްޝާ ޝަރީފާ އަދި އަބްދުﷲ މަހްޒޫމް މާޖިދު، މޯދީއަށް އަމާޒުކުރައްވާ ބޭނުންކުރި ބޭއަދަބީ ބަސްތަކެއްގެ ސަބަބުންނެވެ. މިތިން ބޭފުޅުން މިހާރު ވަނީ ވަޒީފާ އިން ސަސްޕެންޑްކޮށްފަ އެވެ.