ދުވާލަކު ރަޖިސްޓްރީ ކުރަމުން ދިޔަ 200 އުޅަނދުގެ އަދަދު މިހާރު 25 އަށް ދަށްކުރެވިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މާލޭ ސަރަހައްދުގެ އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓާ ޕްލޭން އިފްތިތާހާކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު އަމީން ވިދާޅުވީ މާލެއަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދުވާލެއްގެ މައްޗަށް ރަޖިސްޓްރީ ކުރެވޭ އަދަދު ވަރަށް ބޮޑަށް ދަށްކޮށްފައިވާ ކަމަށެވެ.
"އެއީ ދުވާލެއްގެ މައްޗަށް 20 ނުވަތަ 30 ވަރަކަށް ވެހިކަލް ރަޖިސްޓްރީ ކުރެވިގެން ދިއުން" އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ދުވާލެއްގެ މައްޗަށް 200 އާއި 300އާ ދެމެދުގެ އަދަދަކަށް އުޅަނދު ރަޖިސްޓަރީ ކޮށްދެމުން ގެންގޮސްފައިވާތީ އެ އަދަދު ކުއްލިއަކަށް 25 ނުވަތަ 30 އަށް ދަށްކޮށްލުންވީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.
އަމީން ވިދާޅުވީ އަލަށް ރަޖިސްޓްރީކުރެވޭ ވެހިކަލްތައް މަދުކުރުމަކީވެސް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތައް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"ވެހިކަލް ރަޖިސްޓްރީ ކުރުން މަދު ނުކުރެވޭނަމަ މިހާރުގެ ހާލަތައް ވުރެ ގޯސްވެ، މީހުންނަށް ހިނގާބިނގާވެ ނޫޅެވޭ ކަހަލަ ހާލަތަކަށް މި މާލެ ސަރަހައްދު ބަދަލުވެގެން ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އަމީން އިތުރަށް ވިދާޅުވީ މާލޭ ސަރަޙައްދަށް އެތެރެވާ އުޅަނދުފަހަރު ރެގިއުލޭޓު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އަދި ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. މި ނިޒާމު އުފެދިގެން ދާނީ އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓަ ޕްލޭންގެ ދަށުން ކަމަށްވެސް ވިދާޅުވި އެވެ.
ވެހިކަލް ރަޖިސްޓްރީ ކުރުމުގެ އަދަދު ދަށްކުރުމަށްޓަކައި މާލޭ ސަރަހައްދުގައި ދުއްވޭނެ އެއްގަމު އުޅަނދު ފަހަރުގެ އަދަދު ކަނޑައެޅުމުގެ މަސައްކަތްތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރުވެސް ވަނީ ކުރައްވާފަ އެވެ.
ފާއިތުވި ފަސް އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް 69،780 އުޅަނދު ރަޖިސްޓްރީކޮށްދީފައިވާއިރު މީގެތެރެއިން 42،000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްފައިވަނީ މާލެ ސަަރަހައްދަށެވެ.