މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

މާލެ ސަރަހައްދުގައި މުދާ އުފުލުން ރޭގަނޑަށް ބަދަލުކުރަނީ

މާލެ ސަރަހައްދުގައި ކުނި އުކާލުމާއި ބޮޑެތި އުޅަނދުތަކުގައި މުދާ އުފުލުން ރޭގަނޑަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވާލައި ރޭ އިފްތިތާހު ކުރި "މާލެފަހި ޕްރޮގުރާމް"ގައި ހިމަނާފައިވަނީ ވަކި ސައިޒަކަށް ވުރެ ބޮޑެތި އުޅަނދުތަކުގައި މުދާ އުފުލުން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް ބަދަލުކުރުމަށެވެ. އަދި ކުނި އުކާލުން ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބަދަލުކުރުމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވީ މިކަންކަން ތަންފީޒު ކުރަމުންދާނީ ކަމާގުޅުންހުރި ހުރިހާ މުއައްސަސާތަކުގެ އެހީތެރިކަމާ އެކު ހުރިހާ އިދާރާތަކެއް ގުޅިގެން ޓީމެއްގެ ގޮތުގައި ކަމަށެވެ.

"މިނިންމުމުގެ ސަބަބުން މަގުމަތީގެ ތޮއްޖެހުން ކުޑަވެގެން ދާނެ ކަމަށް ބެލެވޭ،" އަމީން ވިދާޅުވި އެވެ.

މާލެ ފަހި ޕްރޮގްރާމު ރަނގަޅަށް ތަންފީޒު ކުރެވިއްޖެނަމަ ތޮއްޖެހިފައިވާ މާލޭގެ މަގުތަކުގެ ޓްރެފިކުގެ މައްސަލަތަކަށް ހައްލުތަކެއް ލިބި އާއްމުންނަށް ލުއިފަސޭހަ ވާނެ ކަމަށްވެސް އަމީން ވިދާޅުވި އެވެ.

މާލޭގައި މުދާ އުފުލާނެ ހާއްސަ ގަޑިތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ކަނޑައެޅި އެވެ. ނަމަވެސް ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން އެ އުސޫލު އުވާލީ އެވެ.