ސްޓެލްކޯ

ދޮންއަދަރާދަ ހިނގުން އަލުން ހުޅުވާލައިފި

ސްޓެލްކޯގެ ބޭނުމަށް ބަންދުކޮށްފައި އޮތް މާލޭގެ ދޮންއަދަރާދަ ހިނގުން އާންމު ބޭނުންތަކަށް އަލުން ހުޅުވާލައިފި އެވެ.

އެ މަގު ހުޅުއްވައި ދެއްވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ.

ދޮންއަދަރާދަ ހިނގުން އަލުން ހުޅުވާލިއިރު އެ މަގުގައި އަލުން ގާ އަތުރައި މަގުގެ ދެ ފަރާތުގައި ގަސް އިންދާ، މަގު ބައްތިވެސް ވަނީ ހަރުކޮށްފަ އެވެ. އަދި އެ މަގުގެ ދެ ފަރާތުގައިވާ ސްޓެލްކޯގެ ދެ އިމާރާތް ވަނީ މަތިން މަގު ހުރަސްކޮށް ބްރިޖަކުން ގުޅާލާފަ އެވެ.

އެ މަގު ބަންދުކޮށް މީގެކުރިން އެތަނުގައި ބަހައްޓާފައި ހުރީ ސްޓެލްކޯގެ 17 ޖަނަރޭޓަރެކެވެ. މި މަގު އަލުން ހުޅުވާލީ އެ ޖަނަރޭޓަރުތައް ހުޅުމާލެއަށް ބަދަލުކުރުމަށްފަހު އެވެ.

ދޮންއަދަރާދަ ހިނގުން 2010 ވަނަ އަހަރު ބަންދުކުރީ މާލޭގައި އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށްޓަކައި އިތުރު ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގަން އޭރު ރާވާފައި އޮތް ފޯތު ޕަވާ ޕްރޮޖެކްޓް ފެށުން ލަސްވެ އެކަމަށް ހައްލެއް ހޯދުމަށެވެ.