ބޮޑު އެއާލައިނެއް ރާއްޖެއަށް އަންނަން ނިންމަނީ ބޯޓު ޖައްސާ ރަންވޭ ރަނގަޅުވުމުން ކަމަށާ، ވަކިވަކި މީހުނަށް ރައްދު ދޭނަމަ ޖެހޭނީ މަސައްކަތް ހުއްޓާލާފައި ހުންނަވަން ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ސިންގަޕޫރުގެ ސުރުބާނާ އިންޓަނޭޝަނަލް ކުންފުނީގެ ބެލުމުގެ ދަށުން އެޅި އާ ރަންވޭ ބައިނަލްއަގުވާމީ މިންގަނޑަށް ނުފެތޭ ކަމަށް ރާއްޖޭގެ ލޯޔަރެއް ކަމަށްވާ ހުސްުނުއް ސުއޫދު ވިދާޅުމާ ގުޅިގެން، ނޫސްވެރިއަކު މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ސައީދު ވިދާޅުވީ އެހެން ވިދާޅުވި ލޯޔަރަކީ ދިވެހި އަސްކަރިިއްޔާ އުވާލަން ޖެހޭނެ ކަމަށް ވިދާޅުވި ފަރާތެއް ކަމަށާ، އެ ފަދަ ފަރާތް ތަކުން ދައްކާ ވާހަކަތަކަށް ރައްދު ދޭނަމަ އެހެން ކަމެއް ނުކުރެވޭނެ ކަމަށެވެ.
"މި ތާ [އެއާޕޯޓް] ގައި ހުރީ ޓީއެމްއޭގެ ހެނގަރު އެކަންޏެއް ނޫން. މިތާ އެބަކުރޭ ބައިވަރު މަސައްކަތް. މިއީ އޮޕަރޭޓް ކުރަމުން ގެންދާ އެއާޕޯޓެއް. އެހެންވީމަ ވަކިވަކި މީހުންގެ ވާހަކަ ތަކަށް ރައްދު ދެންޏާ ގައުމު ތަރައްގީ ނުކޮށް ތިބެން ޖެހޭނީ. އެފަދަ މީހުންގެ ސިކުނޑީގައި އަބަދު ވެސް އޮންނަނީ ގައުމުގެ އަގު ވައްޓާލުން،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ސޯޝަލް މީޑިޔާގައި ވާހަކަ ދައްކާ މީހުންނަށް ޖަވާބު ދީ ދުވަހަކު ވެސް ނުނިމޭނެ ކަމަށެވެ.
"މިހާރު އޮޕަރޭޓް ކުރާ އެއާލައިންތަކާއި އޮޕަރޭޓް ކުރަން ނިންމާ އެއާލައިން ތަކަކީ ވެސް މި ތަނަށް އޮޕަރޭޓް ކުރެވޭ ސްޓޭންޑަޑްގެ ތަނަކަށްވީމަ އެ އޮޕަރޭޓް ކުރަނީ. ދެން މިއަށް ކިހިނެއްތޯ ސާފު ޖަވާބެއް ދޭނީ. ރާއްޖެއަށް މި އަންނަނީ ދުނިޔޭގެ އެންމެ ބޮޑެތި އެއާލައިންތައް."
މިނިސްޓަރު ވިދާޅުވީ ގައުމުގެ އަގު ވައްޓާލައި ޓޫރިޒަމް ބޮއިކޮޓް ކުރުން ފަދަ ވާހަކަތައް ދެއްކުމަކީ ގައުމަށް ވެވޭނެ އެންމެ ބޮޑު ހިޔާނާތް ކަމަށެވެ. އާ ރަންވޭ ހުޅުވުމަކީ ގައުމީ ކަމެއް ކަމަށާ، މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެ ވާހަކަ ދައްކާ މީހުންނާއި ރައްޔިތުންނަށް ދައުވަތު ދޭ ކަމަށެވެ.
ވީއައިއޭގައި ތަރައްގީ ކުރި އާ ރަންވޭ ހުޅުވަން ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އެނގިފައިވާ ގޮތުގައި ރަންވޭ ހުޅުވުމުގެ ގޮތުން ފުރަތަމަ ޖައްސާނީ އޭ380 ގެ ފްލައިޓެކެވެ.