ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އަސާސީ މުދަލުގެ ގޮތުގައި ބަލައި އެއްވެސް ބާވަތެއްގެ މުދަލެއްގެ އަގު ބޮޑުވާނަމަ އެކަމެއް ހުއްޓުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ އާންމު ރައްޔިތުން ވަޒީރުންނާ ސުވާލުކުރުމަށް ކުރިއަށް ގެންދާ "އަހާ"ގެ ހަތަރުވަނަ ފޯރަމުގައި އާންމު މީހަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ރޯދަ މަހާ ދިމާކޮށް ތަކެތީގެ އަގުތައް މައްޗަށް ދާތީ އެކަމަށް ހައްލު ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ދުރާލައި އެކަމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ރޯދަ މަހާ ދިމާކޮށް އަސާސީ އެއްވެސް މުދަލެއްގެ އަގު ބޮޑުވޭތޯ އިކޮނޮމިކް މިނިސްޓްރީގައި އެކުލަވާލާފައިވާ ހާއްސަ ކޮމިޓީއަކުން ގަވައިދުން ބަލަމުން ދާނެ ކަމަށް ވިދާޅުވި އެވެ.
އަސާސީ މުދަލުގެ ގޮތުގައި 183 އައިޓަމެއް ހިމަނައި އެ ތަކެތީގެ އަގުތައް ބޮޑުވާނަމަ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ސައީދު ވިދާޅުވީ އަސާސީ މުދަލުގެ އަގު ބޮޑުވާނަމަ އެފަދަ މުދާ ކައިރި ގައުމުތަކުން ހޯދައި ކަނޑު މަގުން ގެންނާނެ ކަމަށެވެ. ކަނޑު މަގުން ގެނައުން ލަސްވާނަމަ އެފަދަ މުދާ އެއާފްރައިޓްކޮށް ގެނެސްގެންވެސް އަގުތައް ހިފަހައްޓާނެ ކަމަށާއި އަގުތައް ހިފެހެއްޓުމަކީ އިހްތިޔާރީ ކަމަކަށް ވުރެ މަޖުބޫރު ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
"[އަގުތައް ބޮޑުވުން ހުއްޓުވުން] އެއީ 'ޗޮއިސް'އެއް ނޫން،" ސައީދު ވިދާޅުވި އެވެ.
ރޯދައަށް އަސާސީ މުދަލުގެ އަގު ހިފެހެއްޓުމަށްޓަކައި އެސްޓީއޯ އިން މިހާރު ވަނީ ބައެއް މުދާ ރާއްޖެ ގެނެސް ވިއްކަން ފަށާފަ އެވެ. އެގޮތުން ކާށި، ފިޔާ އަދި ލުނބޯ މިއަދު ވަނީ ވިއްކަން ފަށާފަ އެވެ.
އެސްޓީއޯ އިން ރޯދައަށް ރާއްޖެއަށް ގެންނަ ބާވަތްތައް
- އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
- ތާޒާ ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ
- ޕްރޮސެސްޑް ކާނާ: ނެސްލޭ ކުރީމް، ކޮކޯ ޕައުޑަ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
- ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވަ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ
މިނިސްޓަރު އިތުރަށް ވިދާޅުވީ މުދަލުގެ އަގުތައް ހިފެހެއްޓުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅިގެން ވިޔަފާރިވެރިންނަށް ދަތިތަކެއް ހުރި ނަމަ ސަރުކާރާ ވާހަކަ ދައްކައިގެން ދަތިތަކަށް ހައްލު ހޯދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.