ދިވެހިރާއްޖެއާ ތުރުކީގެ ގުޅުން

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ރާއްޖެއާއި ތުރުކީ ސޮއިކޮށްފި

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ރާއްޖެއާއި ތުރުކީ ސޮއިކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. ތުރުކީ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ ޓްރޭޑް މިނިސްޓަރު ޕްރޮފެސާ ޑރ. އޮމާރު ބޮލަޓް އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ތުރުކީ މާކެޓްގެ ތެރެއިން ވިޔަފާރި ފުޅާކުރަން ދިވެހިންނަށް ފުރުސަތު ލިބޭނެ ކަމަށެވެ.

ރާއްޖެއާއި ތުރުކީއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް އެންމެ ފުރަތަމަ މަޝްވަރާ ފެއްޓެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޑިސެމްބަރުގެ ތެރޭގައި ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

މި އެއްބަސްވުމަށް އަމަލުކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެ ގައުމުގެ ސަރުކާރަށް އެއްބަސްވެވޭ ތާރީހެއް ގައެވެ.

އެއްބަސްވުމުގެ ދަށުން ޑިއުޓީ ލިބޭ ބާވަތްތައް

  • ކާބޯތަކެތި
  • މަހުގެ އުފެއްދުންތައް
  • ސިނާއީ އަދި ކޮންސްޓްރަކްޝަން މެޓީރިއަލް
  • މެރިން އަދި ޓްރާންސްޕޯޓް
  • މެޝިނަރީ އަދި އިކުއިޕްމަންޓް
  • ގޭހާއި ހިފާ ގެންގުޅޭ ތަކެތި
  • ފަރުނީޗަރު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ސަތޭކަ އަށް ވުރެ ގިނަ ބާވަތްތަކުން ޑިއުޓީ ކުޑަކުރެވި ރާއްޖޭން ބޭރުކުރާ މަހުގެ ގިނަ ބާވަތްތައް ސުން ޕަސެންޓް ޑިއުޓީގައި ތުރުކީ އަށް އެތެރެކުރެވޭނެ ކަމަށެވެ.

ދިވެހި ސަރުކާރުން ވަނީ 2018 ވަނަ އަހަރު ޗައިނާ ސަރުކާރާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައެއް ނުވެ އެވެ. އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ވަނީ ޗައިނާއާ އެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ނިންމާފަ އެވެ.

މީގެއިތުރުން އިންޑިއާ އާއި އިނގިރޭސިވިލާތާ އެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރަން ރާއްޖެއިން ދަނީ މަޝްވަރާކުރަމުންނެވެ.