ތުރުކީއާއި ރާއްޖެއާއި ދެމެދު މުޅިން ސާފުވާ ނުވާ މުއާމަލާތްތަކެއް ކުރިއަށް ދަނިކޮށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ތުރުކީއަށް ފުރާވަޑައިގެންފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިނިސްޓަރު ސައީދުގެ ތުރުކީ ދަތުރުޅުގައި ތުރުކީގެ ބައެއް އިސްވެރިންނާއި އެ ގައުމުގައި ތިއްބަވާ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
މިބައްދަލުކުރެއްވުންތަކުގައި ރާއްޖެއާއި ތުރުކީއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ފުޅާކޮށް އިންވެސްޓްމަންޓްގެ އާ ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރަސްމީ ދަތުރުފުޅެއްގައި އެންމެ ފުރަތަމަ ވަޑައިގަތީ ވެސް ތުރުކީއަށެވެ. އޭގެފަހުން ދެ ގައުމުގެ ގުޅުން ވަނީ ދުވަހަކުވެސް ބަދަހި ނުވާ ވަރަށް ބަދަހިވެފަ އެވެ.
ރާއްޖެއާއި ތުރުކީއާއި އޮތް ގުޅުމުގެ ތެރެއިން ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ފުރަތަމަ ފަހަރަށް ހުޅުވީވެސް ރައީސް މުއިއްޒުގެ ވެރިކަމުގައެވެ.
ތުރުކީ އިން ވަނީ ރާއްޖެއަށް އަސްކަރީ އަދި މަދަނީ ބޭނުންތަކުގައި ބޭނުންކުރުމަށް ދެ ޑްރޯންވެސް ވިއްކާފަ އެވެ. މީގެއިތުރުން ތުރުކީ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ މިސައިލް ފޮނުވޭ މަނަވަރެއް ރާއްޖެ ގެނައުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ.
ރާއްޖެއާއި ތުރުކީއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުވުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.