ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް

ޑިވެލޮޕްމަންޓް ބޭންކުގެ ލައިސަންސަށް އެދިއްޖެ

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް ހިންގުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް ސަރުކާރުން މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި މިއަދު އެދިއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކް ހިންގުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަރުކަޒީ ބޭންކަށް ހުށަހަޅާފައިވާ ކަމަށެވެ.

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް ހިންގުމަށްޓަކައި "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް"ގެ ނަމުގައި ކުންފުނީގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުނި އުފެއްދެވީ މިދިޔަ މެއި 16 ވަނަ ދުވަހު އެވެ.

ޑިވެލޮޕްމަންޓް ބޭންކްގެ މަސައްކަތް ފަށަން ސަރުކާރުން ކުރިން ނިންމީ މިމަހުގެ ތެރޭގައެވެ.

މިނިސްޓަރު ސައީދު ރޭ ވިދާޅުވީ ކުރިއަށް އޮތް އޮގަސްޓް މަހު ޑިވެލޮޕްމަންޓް ބޭންކްގެ މަސައްކަތް ރަސްމީކޮށް ފެށުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެހެންނަމަވެސް އެއްވެސް ގޮންޖެހުމެއް އައިސްފި ކަމަށްވަންޔާ ކުދިކުދި ޑިލޭ އައުން އެކަށީގެންވޭ. އަޅުގަނޑުމެން އަވަސް އަރުވާލާފައި މިކަން ނުކޮށް ހަމަ ފެންވަރު ރަނގަޅު ބޭފުޅުންވެސް ހޯދައިގެން މިކަން ކުރަން އަޅުގަނޑުމެން މިމަސައްކަތް ކުރާތީ ކުދިކުދި ލަސްތައް މިވަނީ،" ބޭންކްގެ މަސައްކަތް ފެށުން ދެން މާބޮޑަށް ލަސްވެގެން ނުދާނެ ކަމަށް ފާހަގަކުރައްވާ ސައީދު ރޭ ވިދާޅުވި އެވެ.