ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކްގެ އަމަލީ މަސައްކަތް ޖުލައި މަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ދިވެހި ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ގޮތަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް"ގެ ނަމުގައި ކުންފުނީގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޑިވެލޮޕްމަންޓް ބޭންކް ހިންގާ ކުންފުނި އުފެއްދެވީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.
ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދެވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ޑިވެލޮމަންޓް ބޭންކްގެ މަސައްކަތް އަމަލީގޮތުން ފެށުމާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި ބޭންކް އުފެއްދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ބޭންކުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަކުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އެގޮތުން ކުރެވުނު މަސައްކަތްތަކުގެ އަލީގައި އެ ކުންފުނި މިހާރު އެވަނީ އުފެއްދިފައި އިނގޭތޯ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން. ދެން ކުންފުނީގެ އާޓިކަލް އޮފް އެސޯސިއޭޝަނާއި އަދި ދެންވެސް ކުރަންޖެހޭ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކޮށް ފިނޭންސް މިނިސްޓްރީގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައްވެސް ކުރެވިފައި އެވަނީ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކްގެ ލައިސަންސް ހޯދުމަށް އެމްއެމްއޭއަށް ހުށަހަޅާފައިވާތީ އަންނަ ހަފްތާގެ ތެރޭގައި ބޭންކް ހިންގުމަށް ބޭނުންވާ ލައިސަންސް އެމްއެމްއޭގެ ތެރެއިން ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. ލައިސަންސް ލިބުމާ އެކު ޖުލައި މަހުގެ ތެރޭގައި ޑިވެލޮޕްމަންޓް ބޭންކްގެ މަސައްކަތް އަމަލީ ގޮތުން ފެށޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ސައީދު އިތުރަށް ވިދާޅުވީ ރާއްޖޭގައި އިގްތިސާދީ މަސައްކަތްތަކަށް ފައިސާ ހޯދާނެ މާގިނަ ގޮތްތަކެއް އަދި މާވަރުގަދަ ގިނަ ބޭންކްތަކެއް ނެތް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް ހުޅުވައި އަވަހަށް މަސައްކަތް ފަށައިގަތުމަކީ ރައީސް މުއިއްޒު ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.