ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް ހިންގުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މާދަމާ ހުށަހެޅުމަށް ސަރުކާރުން ނިންމައިފި އެވެ.
ރާއްޖޭގައި ބޭންކްތައް ހިންގުމަށް ލައިސަންސް ދޭ ފަރާތަކީ މަރުކަޒީ ބޭންކް -- އެމްއެމްއޭ އެވެ.
ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް ހިންގުމަށްޓަކައި "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް"ގެ ނަމުގައި ކުންފުނީގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުނި އުފެއްދެވީ މިދިޔަ މެއި 16 ވަނަ ދުވަހު އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކަކީ އިގްތިސާދު ސިންދަފާތު ކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގައި ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތް ކަމަށެވެ. ޑިވެލޮޕްމަންޓް ބޭންކެއް ރާއްޖޭގައި ހިންގުމަށްޓަކައި ރާއްޖެއާއި ބޭރުގެ އޮޑިޓްފާމްތަކާ ހަވާލުކޮށްގެން ކަމާ ގުޅޭ ދިރާސާއެއް ހަދައި ބިޒްނަސް ޕްލޭން އެކުލަވާލާފައިވާ ކަމަށް ވިދާޅުވި އެވެ.
ޑިވެލޮޕްމަންޓް ބޭންކްގެ މަސައްކަތް ފަށަން ސަރުކާރުން ކުރިން ނިންމީ މިމަހުގެ ތެރޭގައެވެ. ނަމަވެސް ސައީދު ވިދާޅުވީ ދިމާވި ތަފާތު ސަބަބުތަކަކާ ގުޅިގެން މިހާރުގެ އަމާޒަކީ ކުރިއަށް އޮތް އޮގަސްޓް މަހު ޑިވެލޮޕްމަންޓް ބޭންކްގެ މަސައްކަތް ރަސްމީކޮށް ފެށުން ކަމަށެވެ.
"އެހެންނަމަވެސް އެއްވެސް ގޮންޖެހުމެއް އައިސްފި ކަމަށްވަންޔާ ކުދިކުދި ޑިލޭ އައުން އެކަށީގެންވޭ. އަޅުގަނޑުމެން އަވަސް އަރުވާލާފައި މިކަން ނުކޮށް ހަމަ ފެންވަރު ރަނގަޅު ބޭފުޅުންވެސް ހޯދައިގެން މިކަން ކުރަން އަޅުގަނޑުމެން މިމަސައްކަތް ކުރާތީ ކުދިކުދި ލަސްތައް މިވަނީ،" ބޭންކްގެ މަސައްކަތް ފެށުން ދެން މާބޮޑަށް ލަސްވެގެން ނުދާނެ ކަމަށް ފާހަގަކުރައްވާ ސައީދު ވިދާޅުވި އެވެ.
ޑިވެލޮޕްމަންޓް ބޭންކް ހިންގުމަށް އުފައްދަވާފައި ކުންފުންޏަށް ސަރުކާރުން މިހާރު ވަނީ ދުނިޔޭގެ ބޮޑެތި ބޭންކްތަކުގައި މަސައްކަތް ކުރައްވާފައިވާ މިދާއިރާގެ ފަންނީ ތަޖުރިބާކާރު ދެ ބޭފުޅަކުވެސް އައްޔަންކުރައްވާފަ އެވެ. ޑިވެލޮޕްމަންޓް ބޭންކް ހިންގުމަށް ސީއީއޯ އެއް ހޯދުމަށް މިއަދު ބައިނަލްއަގްވާމީ ގޮތުން ކުރެވޭ އިއުލާނެއް ކުރާނެ ކަމަށާއި ބޭންކް ހިންގަން ހަވާލުކުރާނީ ދުނިޔޭގެ ފެންވަރުގައި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށް ކަމަށްވެސް ވިދާޅުވި އެވެ.
"އިންޓަނޭޝަނަލް ފެންވަރުގެ މީހަކު އަޅުގަނޑުމެން ހޯދާނީ. މީހަކު ވަންދެން ކުންފުނި ހިންގަން އެމްޑީއެއް ހުންނަވާނެ. އެއީވެސް މިހާރު ތިއްބެވި ބޭރުގެ ދެ ތަޖުރިބާކާރުންގެ ތެރެއިން ބޭފުޅަކަށް ވާނީ،" ސައީދު ވިދާޅުވި އެވެ.
ޑިވެލޮޕްމަންޓް ބޭންކް ހިންގުމަށް ސަރުކާރުން މިހާރު އިމާރާތެއް ތައްޔާރުކުރަމުން ދިޔަ ނަމަވެސް ބޭންކް ގާއިމުކުރުމަށް ނިންމާފައިވާ ވަކި އިމާރާތެއްގެ ނަމެއް ސަރުކާރުން އަދި ނުބުނެ އެވެ. ނަމަވެސް މި ބޭންކް ހުޅުވަނީ އެސްއެމްއީ ހަބްތައް ޗާންދަނީ މަގުގައި ކުރިން ހިންގި އިމާރާތުގައި ކަމަށް އެނގިފައިވެ އެވެ.
ސައީދު ވިދާޅުވީ ރިސޯޓް ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މަދުވެގެން 75 ރަށް ނުހެދި އެބައޮތް ކަމަށެވެ. އެ ރަށްތައް ނުހެދި ހުރީ ފައިސާ ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށްވާތީ ޑިވެލޮޕްމަންޓް ބޭންކް ވުޖޫދުވުމުން އެކަމަށް ހައްލުތަކެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި 100 ރޫމުގެ ފަސް ތަރީގެ ރިސޯޓެއް ތަރައްގީކުރުމަށް އެވްރެޖު ގޮތެއްގައި ހަރަދުވާނީ ގިނަވެގެން 60 މިލިއަން އެމެރިކާ ޑޮލަރުކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ މި ރޭޓުން ބެލި ނަމަވެސް ރާއްޖޭގައި ނުހެދި ހުރި ރަށްތައް ނިންމަން 12 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމަށެވެ.
"މިއީ ރާއްޖޭގެ ވެރިންނަށް ނުކުރެވި އޮތް ކަމަކީ. މިކަންކަން ކުރުމަށް މަގުކޮށިފައެއް ނެތް އިނގޭތޯ. މަގުކޮށުމަކީ ކަންކަން އަމަލީގޮތުން ކުރުން. ނަތީޖާ ނެރުން އިނގޭތޯ،" ޑިވެލޮޕްމަންޓް ބޭންކެއް ވުޖޫދު ކުރާތީ ރައީސް މުއިއްޒަށް ތައުރީފް ކުރައްވަމުން ސައީދު ވިދާޅުވި އެވެ.
މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފައްދަވާ ބޭންކެކެވެ.
ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދެވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.