މުހައްމަދު ސައީދު

ޑިވެލޮޕްމަންޓް ބޭންކުގެ ލައިސަންސް މި ހަފްތާ ލިބޭނެ: ސައީދު

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކްގެ ލައިސަންސް މި ހަފްތާ ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑިވެލޮޕްމަންޓް ބޭންކްގެ އަމަލީ މަސައްކަތް ފެށުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކްގެ ލައިސަންސް މި ހަފްތާ ތެރޭގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ސައީދު ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯގެ މަގާމަށް އައްޔަންކުރެއްވި ބޭފުޅާ ވެސް މިވަގުތު ރާއްޖޭގައި އެބަހުންނެވި ކަމަށެވެ. ނަމަވެސް ސީއީއޯއަށް އައްޔަންކުރެއްވި ބޭފުޅެއްގެ ނަން ސައީދު ހާމަކުރައްވާފައެއް ނުވެ އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް -- ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑަށް ޕްރައިވެޓައިޒޭޝަން ބޯޑުން މިހާރު ވަނީ ތިން ބޭފުޅަކު އައްޔަންވެސް ކުރައްވާފަ އެވެ. މީގެތެރޭގައި ދިވެއްސަކުވެސް ހިމެނެ އެވެ.

ބޯޑަށް އައްޔަންކުރެއްވި ތިން ބޭފުޅުން

  • އަހްމަދު އަލީ، މއ. ވޭސައިޑް 805 ފްލެޓް
  • ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދު، ސިންގަޕޫރު
  • ރޮބަޓް ޑުނިއެލް ކާންޓް، އިނގިރޭސިވިލާތް

ޑިވެލޮޕްމަންޓް ބޭންކްގެ މައުލޫމާތު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދެވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މި ބޭންކްގެ ލައިސަންސް ހޯދުމަށް އެމްއެމްއޭ އަށް ހުށަހެޅީ މިދިޔަ ޖުލައި 28 ވަނަ ދުވަހު އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް ހިންގުމަށްޓަކައި "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް"ގެ ނަމުގައި ކުންފުނީގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުނި އުފެއްދެވީ މިދިޔަ މެއި 16 ވަނަ ދުވަހު އެވެ.

ޑިވެލޮޕްމަންޓް ބޭންކްގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.