ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް

ޑިވެލޮޕްމަންޓް ބޭންކް ހިންގަން ލައިސަންސް ދޫކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓް ބޭންކެއް ހިންގުމަށް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ޑީބީއެމްއެލް)އަށް މިއަދު ލައިސަންސް ދޫކޮށްފި އެވެ.

މަރުކަޒި ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑިވެލޮޕްމަންޓް ބޭންކް ހިންގުމަށް ލައިސަންސް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު އެވެ. ލައިސަންސާ ހަވާލުވެވަޑައިގަތީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އެމްއެމްއޭ އިން މިއަދު ލައިސަންސް ދޫކުރި ބޭންކަކީ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ބޭންކެކެވެ. އަންނަ އަހަރުގެ އޮކްޓޫބަރު 12 ވަނަ ދުވަހުގެ ކުރިން މި ބޭންކްގެ ހިދުމަތް ފެށުމަށްވެސް އެމްއެމްއޭ އިން ލާޒިމުކޮށްފައިވެ އެވެ.

އެމްއެމްއޭ އިން ބުނީ މި ބޭންކްގެ ހިދުމަތް ފެށުމުން އިގްތިސާދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގެ ހިދުމަތް ރާއްޖޭގައި ތައާރަފް ވެގެންދާނެ ކަމަށް އެ އޮތޯރިޓީން ދެކޭ ކަމަށެވެ.

"މި އޮތޯރިޓީއިން ދެކޭ ގޮތުގައި މި ބޭންކް ހުޅުވުމަކީ ދިވެހިރާއްޖޭގެ މަލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީ ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ،" އެމްއެމްއޭ އިން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

ޑިވެލޮޕްމަންޓް ބޭންކްގެ މައުލޫމާތު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދެވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެންވެ ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް ހިންގުމަށްޓަކައި "ޑވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ނަމުގައި ކުންފުނީގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ޑީބީއެމްއެލް އުފެއްދެވީ މިއަހަރުގެ މެއި 16 ވަނަ ދުވަހު އެވެ. މި ބޭންކްގެ ލައިސަންސް ހޯދުމަށް އެމްއެމްއޭ އަށް ހުށަހެޅީ މިދިޔަ ޖުލައި 28 ވަނަ ދުވަހު އެވެ.

ޑިވެލޮޕްމަންޓް ބޭންކް ގާއިމުކުރަނީ ޗާންދަނީމަގާއި އަމީރު އަހުމަދު މަގު ގުޅޭ ހަތަރުއަނގޮޅީގައި ހުންނަ އެލައިޑް ބިލްޑިންގެ ތިރީގަ އެވެ. މި ބޭންކްގެ ސީއީއޯ އާއި ޗެއާޕާސަންގެ މަގާމަށް މިހާރު ވަނީ ބޭފުޅުން އައްޔަންކުރައްވާފަ އެވެ. އެގޮތުން ބޭންކުގެ ސީއީއޯގެ މަގާމަށް އައްޔަންކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ނޮއެލް ގްރެގާ އެވެ. އަދި ޗެއާމަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ސިންގަޕޫރުގެ އަރޫނީ ގުނިޓެލެކީ އެވެ. ބޭންކުގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރެއްވި އަރޫނީއަކީ ބައިނަލްއަގްވާމީ މާލީ މާކެޓުގައި 25 އަހަރަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި މާލީ ދާއިރާގެ މާހިރެކެވެ. އާނާއަކީ ބިޒްނަސް އޮރިޖިނޭޝަނާއި، ގަވާނެންސް، ކްރެޑިޓް އެސެސްމަންޓާއި، ކުރިއަރަމުން އަންނަ މާކެޓުތަކުގައި ރިސްކް މެނޭޖްމަންޓަށް ހާއްސަ ބޭފުޅެކެވެ.