މި އަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރި ގޮތުގައި ޖެނުއަރީ ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 708.1 މިލިއަން ޑޮލަރެވެ.
މިއީ، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ރިޒާވްގައި ހުރި މިންވަރާ ބަލާއިރު ފަސް ޕަސެންޓްގެ އިތުރުވުމެކެވެ.
މީގެ މައިގަނޑު ސަބަބަކީ ޖެނުއަރީ މަހު ރިޒާވުން ހަރަދު ކުރި މިންވަރަށް ވުރެ ލިބިފައިވާ އަދަދު އިތުރުވުމެވެ.
މި ގޮތުން، ޖެނުއަރީ މަހުގެ ނިޔަލަށް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު ބޭރުފައިސާގެ މިންވަރު ވަނީ ޑިސެންބަރު މަހާ އަޅާބަލާއިރު 12 ޕަސެންޓް އިތުރުވެފަ އެވެ. އަދި، ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން ގެނެވުނު ބަދަލާއެކު މި މުއްދަތުގެ ތެރޭގައި އެމްއެމްއޭއަށް ލިބުނު ބޭރު ފައިސާވެސް އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.
އެމްއެމްއޭ އިން ބުނީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ލިބިފައިވާ ބޭރު ފައިސާގެ އާމްދަނީއަށް ބިނާކޮށް ފާއިތުވި ޖެނުއަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް މާރުކޮށްފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން 90 ޕަސެންޓް ރިސޯޓުތަކުން މި ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވާ ކަމަށްވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.