ރިޒާވް

ރިޒާވް ދަށަށް، ހުރީ މަހަކަށް ފުދޭ މިންވަރު

ރާއްޖޭގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ގޮސް ބޭނުންކުރެވޭ ރިޒާވް -- ޔޫޒަބަލް ރިޒާވްގައި ހުރީ އެއް މަސް ދުވަހަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރެވޭނެ މިންވަރުކަން މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ މި އަހަރުގެ ޖޫން މަހުގެ އިކޮނޮމިކް އަޕްޑޭޓްގައިވާ ގޮތުން ރަސްމީ ރިޒާވްގައި މޭ މަހުގެ ނިޔަލަށް ހުރީ 492.2 މިލިއަން ޑޮލަރެެވެ.

މިއީ މި އަހަރުގެ އެޕްރީލް މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރި 622.1 މިލިއަން ޑޮލަރަށްވުރެ 129.9 މިލިއަން ޑޮލަރު މަދުވުމެކެވެ.

އެމްއެމްއޭގެ ޑޭޓާބޭސްގައިވާ މައުލޫމާތުތަކަށް ބަލާއިރު މޭ މަސް ނިމުނުއިރު ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަނި ހުރީ 419 މިލިއަން ޑޮލަރުގަ އެވެ.

އެހެންކަމުން މޭ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 73 މިިލިއަން ޑޮލަރެވެ.

ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑު އަދި ބޭސް ފަދަ އަސާސީ މުދާ އެތެރެކުރުމަށް މަހެއްގެ މައްޗަށް 70 މިލިއަނަށްވުރެ ގިނަ ޑޮލަރު ބޭނުންވެ އެވެ.

ބޭނުންކުރެވޭ ރިޒާވްގައި މި އަހަރުގެ އެޕްރީލް މަސް ނިމުނުއިރު ހުރީ 113.6 މިލިއަން ޑޮލަރެވެ.