އެމްއެމްއޭ

ޔޫޒަބަލް ރިޒާވް މިމަހު ހުސްވާނެ ކަމަށް އެމްއެމްއޭ އިން ލަފާކޮށްފި

ރާއްޖޭގައި ބޭނުންކުރެވޭ ރިޒާވް -- ޔޫޒަބަލް ރިޒާވް މިމަހު ހުސްވާނެ ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ލަފާކޮށްފި އެވެ.

އެމްއެމްއޭ އިން މިކަން ލަފާކޮށްފައިވަނީ ޔޫޒަބަލް ރިޒާވް ހުސްވުމުގެ ކަންބޮޑުވުން ފާޅުކޮށް އެ އިދާރާއިން މިދިޔަ މަހުގެ ފަހުކޮޅު ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައެވެ.

މި ސިޓީގައިވާ ގޮތުން ޖުލައި 24 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 365.4 މިލިއަން ޑޮލަރެވެ.

މީގެތެރެއިން ބޭނުންކުރެވޭ ރިޒާވްގައި 21.9 މިލިއަން ޑޮލަރު ހުރިއިރު ޖުލައި މަސް ނިމޭއިރު އެ އަދަދު 17.6 މިލިއަން ޑޮލަރަށް ދަށްވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި ޖޫން މަހުގެ ނިޔަލަށް ރިޒާވްގައި 509.2 މިލިއަން ޑޮލަރު ހުއްޓެވެ. ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން ޖޫން މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 66.9 މިލިއަން ޑޮލަރެވެ.

ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑު އަދި ބޭސް ފަދަ އަސާސީ މުދާ އެތެރެކުރުމަށް މަހެއްގެ މައްޗަށް 70 މިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭނުންވެ އެވެ.

ރާއްޖޭގެ ޔޫޒަބަލް ރިޒާވް މިމަހު ހުސްވާނެ ކަމަށް އެމްއެމްއޭ ލަފާކުރިއިރު ސަރުކާރުން ގެންދަނީ ހަރަދު ކުޑަކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަމަލީ ގޮތުން އެޅުމަށް ތައްޔާރުވަމުންނެވެ.