ރިޒާވް

ރަސްމީ ރިޒާވް މަދުވެއްޖެ

ރަސްމީ ރިޒާވް އާއި ޔޫސަބަލް ރިޒާވް -- ބޭނުންކުރެވޭ ރިޒާވް މިއަހަރުގެ މޭ މަހު ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މޭ މަހު ރަސްމީ ރިޒާވްގައި ހުރީ 748.15 މިލިއަން ޑޮލަރެވެ.

ރަސްމީ ރިޒާވް އާއި ޔޫސަބަލް ރިޒާވްގައި މިއަހަރުގެ މޭ މަސް ނިމުނުއިރު ހުރި އަދަދު ވަނީ މިދިޔަ އަހަރުގެ މޭ މަސް އަދި މިއަހަރުގެ އެޕްރީލް މަހަށްވުރެ ދަށަށް ގޮސްފަ އެވެ.

ރަސްމީ ރިޒާވްގައި މިދިޔަ އަހަރުގެ މޭ މަހު ހުރީ 807.95 މިލިއަން ޑޮލަރެވެ. މި އަހަރުގެ އެޕްރީލް މަހު އެ އަދަދު ހުރީ 756.81 މިލިއަން ޑޮލަރުގަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މޭ މަސް ނިމުނުއިރު ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަނި ހުރީ 600.48 މިލިއަން ޑޮލަރުގަ އެވެ. އެހެންކަމުން މޭ މަހުގެ ޔޫޒަބަލް ރިޒާވްއަކީ 147.67 މިލިއަން ޑޮލަރެވެ.

ޔޫޒަބަލް ރިޒާވްގެ ގޮތުގައި މިދިޔަ އަހަރުގެ މޭ މަހު ހުރީ 369.81 މިލިއަން ޑޮލަރެވެ. މިއަހަރުގެ އެޕްރީލް މަހުގެ ޔޫޒަބަލް ރިޒާވްއަކީ 151.34 މިލިއަން ޑޮލަރެވެ.

ޔޫޒަބަލް ރިޒާވަކީ ރަސްމީ ރިޒާވުން ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަނި އުނި ކުރުމުން ބާކީ އޮންނަ އަދަދެވެ.

ފިނޭންސް މިނިސްޓްރީން އަންދާޒާކުރަނީ މިއަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި 606.3 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.