ރިޒާވް

ރަސްމީ ރިޒާވް 604 މިލިއަން ޑޮލަރަށް އިތުރުވެއްޖެ

ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެ މިއަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވް 604.2 މިލިއަން ޑޮލަރު -- 9.3 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތައް އޮކްޓޫބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 499.6 މިލިއަން ޑޮލަރު -- 7.7 ބިލިއަން ރުފިޔާއެވެ. އޮކްޓޫބަރު މަހާއި އަޅާބަލާއިރު ނޮވެމްބަރު ނިމުނުއިރު އިތުރުވީ 104.6 މިލިއަން ޑޮލަރެވެ.

ރަސްމީ ރިޒާވް އިތުރުވެފައިވާއިރު ޔޫސަބަލް ރިޒާވްވެސް ވަނީ އިތުރުވެފަ އެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު ނިމުނުއިރު ކުރު މުއްދަތުގައި ދައްކަން ޖެހޭ ދަރަނި ހުރީ 385.2 މިލިއަން ޑޮލަރުގަ އެވެ. ނޮވެމްބަރު ނިމުނުއިރު ޔޫސަބަލް ރިޒާވްއަކީ 219 މިލިއަން ޑޮލަރެވެ.

ޔޫޒަބަލް ރިޒާވްގެ ގޮތުގައި އޮކްޓޫބަރު މަސް ނިމުނުއިރު ހުރީ 105.1 މިލިއަން ޑޮލަރެވެ.

ރަސްމީ ރިޒާވް އިތުރުވެފައި މިވަނީ މިއަހަރުގެ އެޕްރީލް މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވް މަހުން މަހަށް ދަށަށް ދިޔުމަށްފަހު އެވެ.

މިއަހަރުގެ ރަސްމީ ރިޒާވް މަހުން މަހަށް

  • ޖެނުއަރީ - 753.4 މިލިއަން ޑޮލަރު
  • ފެބްރުއަރީ - 766.2 މިލިއަން ޑޮލަރު
  • މާޗް - 865.2 މިލިއަން ޑޮލަރު
  • އޭޕްރީލް - 829 މިލިއަން ޑޮލަރު
  • މެއި - 807.9 މިލިއަން ޑޮލަރު
  • ޖޫން - 750.4 މިލިއަން ޑޮލަރު
  • ޖުލައި - 728.2 މިލިއަން ޑޮލަރު
  • އޮގަސްޓް - 658 މިލިއަން ޑޮލަރު
  • ސެޕްޓެމްބަރު - 540.3 މިލިއަން ޑޮލަރު
  • އޮކްޓޫބަރު - 499.6 މިލިއަން ޑޮލަރު
  • ނޮވެމްބަރު - 604.2 މިލިއަން ޑޮލަރު

ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުން މިއަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި 657 މިލިއަން ޑޮލަރު ހުންނާނެއެވެ. އިގްތިސޯދަށް އަންނަ ބަދަލާއެކު ރިޒާވް އިތުރުވެ މަދުވެ އެވެ.

ރިޒާވްއަށް ކޮންމެ ކަހަލަ ބަދަލެއް މިވަގުތު އައިސްފައިވީ ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އަންދާޒާކުރި އަދަދަށް މިއަހަރު ނިމޭއިރު ދައުލަތުގެ ރިޒާވްގައި ފައިސާ ހުންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އަންދާޒާކުރި ވަރަށްވުރެ ބާރަށް ރިޒާވް ދަށްވާ ކަމަށާއި ރިޒާވްއަށް އަސަރުކޮށްފައިވަނީ ހަމައެކަނި ރާއްޖެއަށް ނޫން ކަމަށެވެ. ރިޒާވްއަށް އަސަރުކުރާ އެންމެ ބޮޑު އެއް ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމެވެ.