ވިޔަފާރި

ދުވަސްވީ މީހުންނާއި ޅަދަރިމައިންނަށް ވީއައިއޭގައި މޮބައިލް ޗެކިން

ދަރިފުޅާއި މުސްކުޅި މަންމަ ގޮވައިގެން ޗެކިން ކައުންޓަރުގެ ކިޔޫގައި ތިބެން ޖެހުމަކީ ދަތިކަމެކެވެ. އަދި ކޮންމެ މީހަކީ "އޮންލައިން ޗެކިން" ކުރަން އެނގޭނެ މީހަކަށް ވެސް ނުވެދާނެ އެވެ. އެހެންވެ، ރާއްޖޭގެ މައި ވައިގެ ބަނދަރުން މިވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިން ގޮވައިގެން ދަތުރު ކުރާ މީހުންނަށް "މޮބައިލް ޗެކިން" ގެ ހިދުމަތް ފަށާފަ އެވެ.

ރާއްޖޭގައި އަލަށް ފެށި މި ހިދުމަތް ފަރުމާ ކޮށްފައިވަނީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުން އަދި ކުޑަ ކުދިންނާ އެކު ދަތުރު ކުރާ މީހުންނަށެވެ. އެ ފަދަ މީހުން ސެކިއުރިޓީ ޗެކިން ނިންމައި ޓާމިނަލް އަށް އެތެރެވާ ހިސާބުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުން ގޮސް ޗެކިން ކޮށްދޭން އެހީތެރިވާނެ އެވެ. އަދި އެ ފަދަ ފަރާތްތަކުން ޗެކިން ކިޔޫގައި މަޑުކުރާކަށް ނުޖެހޭނެ އެވެ.

މި ހިދުމަތް ފެށުމުގެ ގޮތުން ސްރީލަންކާ އަށް ދަތުރުކުރި ދިވެހި އާއިލާއެއް ވަނީ ފުރަތަމަ ފަހަރަށް ހިދުމަތް ތަޖުރިބާކޮށްފަ އެވެ. މަންމަ އާއި ކުޑަ ދެކުދިން އަދި އަންހެނުންނާއެކު ދަތުރުކުރި ޒުވާނެއް ބުނީ މިއީ ލިބެގެން ދިޔަ ބޮޑު ފަސޭހައެއް ކަމަށެވެ.

"ކުރިން ކިޔޫގައި ތިބެން ޖެހުނީމަ ވަރަށް ދަތިވޭ. އެކަމަކު އެމްއޭސީއެލްގެ މި ހިދުމަތުން ވަރަށް ފަސޭހަ ލިބިގެން މިދިޔައީ."

މި ހިދުމަތް ތައާރަފުކޮށް ދެއްވީ ވީއައިއޭ ފުރާގިމަތައިގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މި ސަރަހައްދުގެ މަދު ގައުމެއްގައި ނޫނީ ނުދޭ، ހިދުމަތާ ބެހޭ ގޮތުން، ވީއައިއޭ ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ މި ހިދުމަތުގެ ސަބަބުން އިތުރު ފަސޭހަ ތަކެއް ލިބިގެން ދާނެ ކަމަށެވެ.

"މި ހިދުމަތް ޓާގެޓް ކުރަނީ 65 އަހަރުން މަތީގެ ބޭފުޅުންނާއި އިން-ފެންޓުންނާއި އަދި ވެސް ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް. މިކަން ހިނގާ ގޮތަކީ ސެކިއުރިޓީ ޗެކިން ނިމުމަށްފަހު، ޗެކިން ކައުންޓަކަށް ނުގޮސް ހިދުމަތް ދޭ ގޮތަށް،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހިދުމަތް ދޭން ހާއްސަކޮށްފައިވާ އައިޕެޑް ހިފައިގެން އެމްއޭސީއެލްގެ މުވައްޒަފުން ޓާމިނަލް ތެރޭގައި ހަރަކާތެރިވާނެ ކަމަށެވެ.

ހަމައެކަނި އައިސް ގޮނޑީގައި އިށީނދެގެން ތިބެން ޖެހޭނީ. އަޅުގަނޑުމެންގެ ސްޓާފުލް އައިސް ލަގެޖު ކިރުމާއި ހުރިހާ ކަމެއް ކޮށް، ލަގެޖުގެ ޓެގު ވެސް އަޅުވައިދޭނެ. ދެން، އެ ބޭފުޅުން ހަމައެކަނި ދާން ޖެހޭނީ އިމިގްރޭޝަނަށް.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ

"ހަމައެކަނި އައިސް ގޮނޑީގައި އިށީނދެގެން ތިބެން ޖެހޭނީ. އަޅުގަނޑުމެންގެ ސްޓާފުލް އައިސް ލަގެޖު ކިރުމާއި ހުރިހާ ކަމެއް ކޮށް، ލަގެޖުގެ ޓެގު ވެސް އަޅުވައިދޭނެ. ދެން، އެ ބޭފުޅުން ހަމައެކަނި ދާން ޖެހޭނީ އިމިގްރޭޝަނަށް. މި އާ ހިދުމަތަކީ މިދެންނެވި ކެޓަގަރީގެ ބޭފުޅުންނާއެކު ދަތުރުކުރާ އެހެން ބޭފުޅުންނަށް ވެސް މި ހިދުމަތް ލިބިގެންދާނެ،" އާދިލް ވިދާޅުވި އެވެ.

ވީއައިއޭ ތަރައްގީކޮށް ހިތްގައިމު ތަނަކަށް ހެދުމަށް ސަރުކާރުން ދަނީ ބޮޑު ހަރަދެއް ކުރަމުންނެވެ. މިގޮތުން ވީއައިއޭ ތަރައްގީ ކުރުމަށް ބިލިއަނެއްހާ ޑޮލަރުގެ ބޮޑު މަޝްރޫއެއް ދަނީ ހިންގަމުންނެވެ. މި މަޝްރޫއުގެ ދަށުން އާ ރަންވޭއަކާއި އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލްއެއް އަދި ކާގޯ އާއި ތެޔޮ ރައްކާ ކުރުމުގެ ހިދުމަތް ތައާރަފުކުރާނެ އެވެ.