ވިޔަފާރި

އަމާޒަކީ އާ ޓާމިނަލްގެ ބޮޑު ބައި މި އަހަރު ނިންމުން: ސައީދު

Apr 3, 2018
1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް އަވަސް ކުރަން ސައޫދީ ފަންޑާއެކު ސަރުކާރުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރި ވަޑައިގަތީ އިކޮނޮމިމް މިނިސްޓަރު މުހައްމަދު ސައީދު އާއި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ދަތުރުފުޅާ ބެހޭ ގޮތުން މިނިސްޓަރު ސައީދު "އަވަސް" އަށް ވިދާޅުވީ މި ދަތުރުފުޅުގައި މަޝްވަރާކުރެވުނީ މި އަހަރު އާ އިންޓަނޭޝަނަލް ޓާމިނަލްގެ ބޮޑު ބައި ނިންމުމަށް ކަމަށެވެ.

"އެއާޕޯޓްގެ މަސައްކަތް އަވަސް ކުރަން މަޝްވަރާ ކުރެވުނީ. ސައުދީ ފަންޑުގެ ބޮޑު ޑޯނާއަކީ ސައޫދީ ފަންޑު. އަދި ކޮންޓްރެކްޓާއަކީ ވެސް އެއީ. އެހެންވެ މަޝްވަރާ ކުރީ،" ސައީދު ވިދާޅުވި އެވެ.

ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއުގެ އެންމެ ބޮޑު ބައި ކަމަށްވާ އާ ޕެސެންޖަރު ޓާމިނަލްގެ މަޝްރޫއު ސައޫދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކުރީ 21، މެއި 2016 ގަ އެވެ.

ހަވާލު ކުރުމަށް ބޭއްވި ހަފުލާގައި ބިންލާދިން ގްރޫޕްގެ މަންދޫބު، އަބްދުލް އަޒީޒް ބިން ބިންލާދިން ވިދާޅުވީ އެ ކުންފުންޏަކީ މިފަދަ ގިނަ މަޝްރޫއުތަކެއް ކާމިޔާބު ކަމާ އެކު ނިންމާފައިވާ ކުންފުންޏެއް ކަމަށެވެ. އަދި ރާއްޖޭގެ މިހާ އުންމީދީ މަޝްރޫއެއް ލިބުމަކީ އެ ކުންފުންޏަށް ލިބިގެން އައި އުފަލަކާއި ފަހުރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއާޕޯޓްގެ މަޝްރޫއަކީ ރާއްޖޭގެ އެންމެ އުންމީދީ އެއް މަޝްރޫއު ކަމަށް ބަލައިގަނެގެން ދިވެހިން އެނދޭ ގޮތަށް ކާމިޔާބު ކަމާ އެކު މަޝްރޫއު ނިންމާލުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.

ނަމަވެސް ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެހެން ބައިތައް ހަލުވިކަމާއެކު ކުރިއަށް ދިޔަނަމަވެސް، މި މަސައްކަތް ފެނުނީ ވަރަށް ދުވެލި ލަސްތަނެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 300 މިލިއަން ޑޮލަރަށެވެ.

އާ ޕެސެންޖާ ޓާމިނަލް

- 78،000 ސްކޮޔާ މީޓަރު ބޮޑު
- 40 ޑީޕާޖާ ގޭޓް
- 38 އިމިގްރޭޝަން ކައުންޓަރު
- ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
- ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
- ޒަމާނީ ބެގެޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
- ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
- ފިއުލް ހައިޑްރެންޓް ސިސްޓަމް

ވީއައިއޭގައި ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އާ ރަންވޭގެ މަސައްކަތް ކުރަނީ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ. މި މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.