އެމްއޭސީއެލް

އެމްއޭސީއެލްއިން ކެރިއަ ގައިޑެންސް ޕްރޮގްރާމެއް ފަށައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން "އެމްއޭސީއެލް ކެރިއާ 2024"ގެ ނަމުގައި ކެރިއަ ގައިޑެންސް ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމްގެ އަމާޒަކީ އޭވިއޭޝަން ދާއިރާގެ އިތުރުން އެއާޕޯޓް އޮޕަރޭޝަންސްގެ ދާއިރާއިން ލިބެންހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ސްކޫލް ދަރިވަރުންނާ ހިއްސާކޮށް، އެ ފުރުސަތުތަކަށް އަހުލުވެރި ކުރުވުމެވެ. އެގޮތުން މި ޕްރޮގްރާމްގެ ފުރަތަމަ ފެއާ އިއްޔެ ވަނީ ޣާޒީ ސްކޫލުގައި ބާއްވާފަ އެވެ.

ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ ޓެކްނިކަލް ގޮތުން ގާބިލު ދިވެހިން އުފެއްދުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. އަދި ސްކޫލް މަރުހަލާ ނިންމާ ދަރިވަރުންނަށް އެމްއޭސީއެލްއިން ހުޅުވިފައިވާ ފުރުސަތުތަކާ ބެހޭ މައުލޫމާތު ލިބުމަކީ މުހިއްމު ކަމެއް ކަމުގައި ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަކީ ވަކި ރަށެއްގައި ހިންގާ ތަނަކަށް ވެފައި، އެއާޕޯޓް އޮޕަރޭޝަންސްގެ އިތުރުން އެތަނުގައި މުނިސިޕަލް ވަރަށް ގިނަ ހިދުމަތްތަކެއް ދޭތީ ވީއައިއޭ އަކީ ގިނަ އިންޑަސްޓްރީތަކެއްގައި މަސައްކަތްކުރުމުގެ ފުރުސަތު އޮތް ތަނެއް ކަމަށެވެ. އަދި މުސްތަގުބަލުގައި ކުންފުނީގެ ހުރިހާ ވަޒީފާއެއްގައިވެސް ދިވެހިން މަސައްކަތްކުރާ ތަން ފެނުމަކީ އޭނާގެ އުއްމީދެއް ކަމުގައިވެސް ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ދަށުން ބޭއްވި ސެޝަންތަކުގައި ވަނީ ހާއްސަ ލަކީޑްރޯއެއް ވެސް ނަގާފަ އެވެ.

މި ލަކީޑްރޯއިން ހޮވުނު 20 ދަރިވަރުންނަށް އެމްއޭސީއެލްގެ މަސައްކަތްތައް ގާތުން ބަލާލުމުގެ ފުރުސަތު ލިބޭއިރު، ގުރުއަތުން ހޮވުނު 10 ދަރިވަރަކަށް ހާއްސަ ހަދިޔާއެއްވެސް ވަނީ ދީފަ އެވެ.