ރާއްޖޭގެ ތަރައްގީގެ މަސައްކަތް ތަކަށް އެންމެ ބޮޑަށް އެހީވާ އެއް ގައުމަކީ ޗައިނާ އެވެ. ތަރައްގީގެ މަސައްކަތް ތަކަށް އެހީވާން އެންމެ ދީލައި އެއް ގައުމަކީ ވެސް ހަމަ ޗައިނާ އެވެ. ޗައިނާ އިން ރާއްޖޭގެ މަޝްރޫއު ތަކަށް އެހީވުމުގެ ގޮތުން ލޯނު ދީފައި ވަނީ މިހާރު މަޝްހޫރުވެފައިވާ ގޮތަށް ހަމައެކަނި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކަންޏެއް ވެސް ނޫނެވެ. އެ ވެރިކަމުގައި އޮތް ޗައިނާ ގާތް ކުރުމުގެ ސިޔާސަތުގެ ދަށުން އެ ގައުމުގެ މާލީ އިދާރާ ތަކުން ގިނަ އަދަދެއްގެ ދަރަނި ނެގި އެވެ.
އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ޗައިނާގެ ބޭންކު ތަކުން ބޮޑެތި އަދަދު ތަކުން ލޯނު ނަގާފައިވެ އެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ޗައިނާގެ ލޯނުން ބޮޑަށް ހިންގާފައިވަނީ ފްލެޓާއި ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު ތަކެވެ. އެހެންވެ ޗައިނާވެފައި ވަނީ ކޮންމެ ވެރިކަމެއް އޮތަސް ބައިލެޓްރަލް ގުޅުމުގެ ދަށުން، އެންމެ ބޮޑު އެހީތެރިޔާގެ ގޮތުގަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އާމްދަނީގެ ބޮޑު ބައެއް އުނިވެގެން ގޮސްފައިވާ މި ދަނޑިވަޅުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ބޮލުގައި އޮތް އެންމެ ބޮޑު އެއް ރިހުމަކީ ލޯނު ދެއްކުމެވެ. ނިމިދިޔަ ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއު ތަކަށް ގިނަ ލޯނު ތަކެއް ނެގި އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އާއި ކަރަންޓު ވިއުގަ އަދި ބްރިޖާއި ހުޅުމާލެ ހިއްކުން އަދި އެ ރަށުގައި ހިންގި ފްލެޓުގެ ބިޔަ މަޝްރޫއާއެކު ރާއްޖޭގެ ދަރަނީގެ ހާލަތު ވަނީ ކުރި އަށް ވުރެ އިތުރަށް މަތިވެފަ އެވެ.
މި ހާލަތުގައި ވަނިކޮށް ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ އާމްދަނީ އިން މި އަހަރު 15 ބިލިއަން ރުފިޔާ އުނި ވާނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. ނަމަވެސް ކުރިން އޮތް ގޮތުން މި އަހަރު ދައްކަން ޖެހޭ ލޯނުތައް ކޮންމެހެން ވެސް ދައްކަން ޖެހެ އެވެ. ނަމަވެސް ޗައިނާ އިން ދުނިޔޭގެ 77 ގައުމަކަށް ދިން ލޯނުގެ ލުއިތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަކީ ރާއްޖެއަށް ލިބިގެންދާނެ ބޮޑު ލުޔަކަށެވެ. މި ވަގުތަށް ބޮޑު ހިތްހަމަ ޖެހުމަށެވެ.
"ބައެއް ލޯނުތައް ހުންނާނެ ހަމައެކަނި އިންޓްރެސްޓް ދައްކަން ޖެހޭ ލޯނުތައް ވެސް. ގިނަ ލޯނު ތަކެއް ރާއްޖޭގައި ހުންނާނެ މި އަހަރަށް ދައްކަން ފޯލްވާ. ދައްކަން ޖެހޭ. އެހެންވެ މިއީ ރާއްޖެއަ ށް ލިބިގެންދާނެ ބޮޑު ލުޔެއް. ބަޖެޓު މެނޭޖު ކުރަން ފަސޭހަ ވެގެންދާނެ ކަމެއް،" ޗައިނާގެ ލޯނު ފަސްކޮށް ދިނުމުން ރާއްޖެ އަށް ލިބޭނެ ފައިދާތަކާ ބެހޭ ގޮތުން އިގްތިސޯދީ މާހިރަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ދަރަނި ދެއްކުމުގެ ގާބިލްކަން ކުޑަ ވަގުތެއް!
ސަރުކާރުން ޖުލައި މަހު ރާއްޖޭގެ ޓޫރިޒަމް ހުޅުވާލި ނަމަވެސް ބަޖެޓަށް ލިބޭ އާމްދަނީ އާއި ހިލޭ އެހީ ވަރަށް ބޮޑަށް ދަށްވެގެން ދެ އެވެ. އެ ތާރީހުގައި ހުޅުވާލި ނަމަވެސް ކުރިން ލިބޭނެ ކަމަށް އަންދާޒާ ކުރި 30 ބިލިއަން ރުފިޔާގެ އާމްދަނީއިން ލިބޭނީ 15 ބިލިއަނެއްހާ ރުފިޔާ އެވެ.
އެ ހާލަތުގެ އަންދާޒާ އަށް ބަލާނަމަ ބަޖެޓުގެ ޑެފިސިޓް 13 ބިލިއަން ރުފިޔާ އާއި 16 ބިލިއަން ރުފިޔާއާ ދެމެދަށް އިތުރުވެ އެވެ. އެހެންވެ، ކުރިން ލަފާ ކޮށްފައިވާ ގޮތަށް 57 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ބެލެވުނު ރާއްޖޭގެ ޖުމްލަ ދަރަނި 70 ބިލިއަން ރުފިޔާ އާއި 72 ބިލިއަން ރުފިޔާއާ ދެމެދުގެ އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.
މިހާރުގެ އަންދާޒާއަކީ ޓޫރިޒަމް 50 ޕަސެންޓުވަރު ހީނަރުވާނެތީ، އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާ ނަމަ ދަރަނި ހުންނާނީ 84 ޕަސެންޓާއި 95 ޕަސެންޓާ ދެމެދުގަ އެވެ. މިއީ ދަރަނި ދެއްކުމުގައި ގައުމެއްގެ ހާލަތުން ބަލާނަމަ އެންމެ "ދަތި" ވަގުތެވެ. މި ވަގުތަކީ ދުނިޔޭގެ މާލީ އިދާރާތަކުން ނަގާފައިވާ ރާއްޖޭގެ ދަރަނި ފަސްކޮށްދޭން ހުށަހަޅަން ޖެހިފައިވާ ވަގުތެވެ. ސަބަބަކީ މިހާލަތަށް ޓޫރިޒަމް ހުޅުވި އިގްތިސޯދު ފެށުނު ދަރަނި ދެއްކުމުގެ ގާބިލްކަން އިތުރު ކުރަން އުފައްދާފައިވާ އެސްޑީއެފް ފަންޑަށް ޖަމާކުރެވޭ ފައިސާގެ އަދަދު ވެސް މަދުވަމުން ދިއުމެވެ.
މި ފަންޑަށް ފައިސާ ޖަމާވުމުގެ ނިސްބަތް އިތުރުވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ މީހުންގެ ނިސްބަތުގެ މައްޗަށެވެ. މިހެން ކަމުން ރާއްޖެއަކީ ލޯނު ނުދެއްކޭ ގައުމެއްގެ "ޓެގު" އެޅުވުމުގެ ބިރު ރާއްޖެއަށް އޮތެވެ. ނަމަވެސް މިހާރު ޗައިނާގެ ލޯނުތައް ފަސްކޮށް ދިނުމާއެކު ސަރުކާރަށް އޮތް އެބުރަ ނެތިގެން ދާނެ އެވެ.
ބަޖެޓުން ކިހާވަރެއް ސަލާމަތް ވާނެ؟
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި އޮތް ޗައިނާގެ ދަރަނި 1.6 ބިލިއަން ޑޮލަރު (25 ބިލިއަން ރުފިޔާ) އަށް އަށް އަރަ އެވެ. ތަފާސް ހިސާބު ތަކަށް ބަލާއިރު، ޗައިނާ ލޯނުތަކުގެ އަދަދު 600 މިލިއަން ޑޮލަރުގައި އުޅޭއިރު، އެކި ކަންކަމަށް ޗައިނާގެ ބޭންކް ތަކުން ލޯނު ނެގުމަށް ސަރުކާރުން ދީފައިވާ ގެރެންޓީގެ އަދަދު ގާތްގަނޑަކަށް 900 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ. ނިމިދިޔަ ސަރުކާރުން ހުޅުމާލޭގައި ހިންގި 7،000 ފްލެޓުގެ ބިޔަ މަޝްރޫއަށް އެކަނި ބޮޑު ގެރެންޓީއެއް ދީފައިވެ އެވެ. އެހެންވެ ކޮންމެހެން ވެސް މި ލުޔަކީ ހޯދަން ޖެހިފައިވާ އެއްޗެކެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ބަޖެޓުގައި ލޯނު ދައްކަން އެކަނި 1.8 ބިލިއަން ރުފިޔާ ދައްކަން ހިމަނާފައިވެ އެވެ. އަދި މަހުން މަހަށް ބަލާއިރު ލޯނު ދައްކާ އަދަދު ވެސް ދަނީ މަތިވަމުންނެވެ. މި އަހަރުގެ ކުރި އަށް އޮތް ދުވަސްތަކަށް ބަލާނަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރަން އެހެނިހެން ފައިނޭންޝަލް އިންސްޓިޓިއުޓް ތަކުން ނަގާފައިވާ ލޯނު ތަކެއް ވެސް ދައްކަން ފަށަން ޖެހެ އެވެ. އެހެންވީމަ ޗައިނާ ފަދަ ރާއްޖޭގެ ލޯނު ގިނަ ގައުމެއްގެ އެހީތެރިކަން މިވަގުތު ލިބުން ވެގެން ދާނީ ބޮޑު ލުޔަކަށެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ބަލާނަމަ ލޯނު ދައްކަން 471.7 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. ނަމަވެސް މި އަހަރު މި އަދަދު މިހާތަނަށް ވަނީ 489.0 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
ޗައިނާގެ ލޯނުތައް މިހާރު ރާއްޖޭގައި ހުރި އަދަދުން ބަލާނަމަ ބައެއް ލޯނުތަކުގެ އިންޓްރެސްޓް ދައްކަން ޖެހޭ މުއްދަތު ވަނީ ލައްވާލާފަ އެވެ. އަދި ބައެއް ލޯނުތައް ގަވައިދުން ދައްކަން ޖެހެ އެވެ. މިހާރުގެ ލޯނުތައް ހުރި އަދަދުތަކުން ބަލާނަމަ ގާތްގަނޑަކަށް މި އަހަރު ބަޖެޓުން ޗައިނާގެ ލޯނުތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ވަރު ސަލާމަތްވާނެ ކަމަށް ބެލެވެ އެވެ. އެހެންވެ މި ފައިސާއަކީ މިހާލަތަށް ބަލާއިރު ބަޖެޓުން ސަލާމަތް ކުރެވޭނެ ބޮޑު އަދަދަކަށް ވާނެ އެވެ. އަދި މިއީ މިވަގުތު ރާއްޖެއަށް ލިބުނު ބޮޑު ހިތް ހަމަޖެހުމަށް ނޫނީ ނުވާނެ އެވެ.