ރިޕޯޓް

ރާއްޖެ އަށް ލޯނު ދޭން އެންމެ ދީލަތީ ކޮން ބައެއް؟

ބޮޑެތި މަޝްރޫއުތައް ހިންގޭނީ ލޯނު ނަގައިގެންނެވެ. އެކަން ކޮންމެ ބަޔަކަށް ވެސް އެނގެ އެވެ. އަމިއްލަ ފުރުދުންތެރިކަން ނެތިއްޖެނަމަ ލޯނު ނެގުން ނޫން ދެވަނަ ޗޮއިސްއެއް ނޯވެ އެވެ. މިއަދުގެ ދުނިޔޭގައި "ހިލޭ އެހީ" ވެސް ވަކި ހިސާބަކުން ބަދަލުވަނީ ފާޑަކަށް ލޯނަކަށެވެ. މޮޅު ކޮށްލަން، ނޫނީ ރައްޔިތުންނަށް އޮޅުވާލަން "ކްރެޑިޓް ލައިން" ނޫނީ "ކްރެޑިޑް ފެސިލިޓީ" ކިޔަސް ހަގީގަތުގައި އެ ހުރިހާ އެއްޗަކީ ވެސް ލޯނެވެ. އެ ނެގެނީ ހަމަ ލޯނެވެ. ރާއްޖޭގެ ތާރީހުގައި ހުރިހާ ސަރުކާރަކުން ވެސް ލޯނު ނަގާފައިވެ އެވެ. މިހާރުވެސް ދަނީ ނަގަމުންނެވެ. ރާއްޖެއަށް މިހާތަނަށް އެންމެ ގިނައިން ލޯނު ދިނީ ކޮން ބައެއް ހެއްޔެވެ؟ ރާއްޖޭން އާއްމު ގޮތެއްގައި ލޯނު ނަގަނީ ކޮން މަޝްރޫއު ތަކަށް ހެއްޔެވެ؟ މިއީ ބަލައިލަން ރަނގަޅު އެއްޗެކެވެ.

ރާއްޖެ ދަރަންޏަށް ބަރޯސާ ވުމުގެ ފެށުން ނުވަތަ މި ޒަމާނުގެ ބަހުރުވައިންނަމަ ލޯނެއް ރަސްމީކޮށް ނެގި ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކަނީ އޮކްޓޫބަރު 4، 1976 ވަނަ އަހަރު ރައީސް އިބްރާހިމް ނާސިރު ވެރިކަމުގަ އެވެ. އެ ފަހަރު ލޯނު ނަގާފައިވަނީ ރާއްޖޭގެ މަސްވެރިކަން ތަރައްގީ ކުރަން ހިންގި ފަސްޓް ފިޝަރީޒް މަޝްރޫއު އަށެވެ. މި މަޝްރޫއަކީ މި ޒަމާނުގައި މި ދެކޭ މަސްވެރިކަމުގެ ފެށުން ކަމަށް ބުނެވިދާނެ އެވެ. އެ ފަހަރު ނަގާފައިވަނީ 2.4 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެވެ. މި ލޯނު ނަގާފައިވަނީ ވޯލްޑް ބޭންކްގެ ގޮތްޕެއް ކަމަށްވާ އިންޓަނޭޝަނަލް ޑިވްލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ނެވެ.

ރާއްޖޭން އެންމެ ފުރަތަމަ ލޯނު ނަގަމުން ގޮސްފައިވަނީ މަސްވެރިކަން ތަރައްގީ ކުރުމުގެ އިތުރުން ބަޖެޓް ހަމަ ޖައްސާއި ތައުލީމް ފުޅާ ކުރުމުގެ މަޝްރޫއު ތަކަށެވެ. ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވްލޮޕްމަންޓުން 1985 އަދި 1987 ވަނަ އަހަރު ބަޖެޓް ހަމަ ޖައްސަން ލޯނު ނަގާފައިވެ އެވެ.

22 ފަރާތްތަކުން ލޯނު ނަގާފައި

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން މިހާތަނަށް ރާއްޖޭން 22 ފަރާތަކުން ލޯނު ނަގާފައިވެ އެވެ. އޭގެތެރޭގައި ގައުމުތަކާއި ދުނިޔޭގެ ބޮޑެތި ބޭންކްތައް އަދި ލުއިލޯނުގެ ގޮތުގައި ދައްކަން ފަސޭހަ އިންތިޒާމު ތަކެއް ހަމަޖެހިފައިވާ ދުނިޔޭގެ ބޮޑެތި މާލީ އިދާރާތައް ހިމެނެ އެވެ.

ދުނިޔޭގެ މާލީ އިދާރާތަކުގެ ތެރެއިން ރާއްޖެ އަށް ލޯނު ދޭން އެންމެ ދީލަތީ ވޯލްޑް ބޭންކްގެ، އީއައިޑީއޭ އާއި އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) އެވެ. އެ ފަރާތްތަކުން މިހާތަނަށް ރާއްޖެ އަށް 19 ފަހަރެއްގެ މަތިން ލޯނު ނަގާފައިވެ އެވެ.

ލޯނު ދީފައިވާ ފަރާތްތަކާއި އަދަދު

  • އިންޓަނޭޝަނަލް ޑިވްލޮޕްމަންޓް އެސޯސިއޭޝަން/ ވޯލްޑް ބޭންކް: 19
  • އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކް (އައިޑީބީ): 19
  • ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވްލޮޕްމަންޓް: 3
  • ނޮޑިކް ޑިވްލޮޕްމަންޓް ފަންޑު: 3
  • އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވްލޮޕްމަންޓް (އިފާޑް): 6
  • ކުވެއިތް ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވްލޮޕްމަންޓް (ކޭއެފްއޭއީޑީ): 6
  • ސައޫދީ ފަންޑު ފޯ ޑިވްލޮޕްމަންޓް (އެސްއެފްޑީ): 7
  • ގަވަމެންޓް އޮފް ބެލްޖިއަމް: 1
  • ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ): 1
  • އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ): 19
  • އެޖެންސީ ފްރާންސިސް ޑިވްލޮޕްމަންޓް (އޭއެފްޑީ): 1
  • ޑެންމާކް ނޯޑިއާ ބޭންކް: 1
  • އިންގް، ބޭންކް ނެދަލޭންޑަސް: 1
  • ދަ އެކްސްޕޯޓް އިމްޕޯޓް ބޭންކް، ޗައިނާ: 4
  • އަބޫދާބީ ފަންޑް ފޯ އެރެބް އިކޮނޮމިކް ޑިވްލޮޕްމަންޓް (އޭޑީއެފްއޭއީޑީ): 3
  • އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ: 2
  • ގަވަމަންޓް އޮފް އިންޑިއާ: 1
  • އޯޕެކް ފަންޑް ފޯ ޑިވްލޮޕްމަންޓް: 4
  • ބޭންކް އޮފް ސްރީލަންކާ: 1
  • އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ: 2
  • ފަސްޓް އަބޫދާބީ ބޭންކް: 1
  • ޖައިކާ: 1

އެންމެ ގިނައިން ލޯނު ނެގީ ކޮން ވެރިއެއް؟

މަޝްރޫއުތައް ހިންގަން ލޯނު ނަގާފައިވާ ގޮތަށް ބަލާއިރު 1976 ވަނަ އަހަރުން ފެށިގެން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން 2008 ގައި ނިމުމާ ހަމައަށް 42 ލޯނެއް ނަގާފައިވެ އެވެ. އަދި ރައީސް މުހައްމަދު ނަސީދުގެ ވެރިކަމުގެ ދުވަސްވަރު 2008 އިން 2012 އާ ހަމަ އަށް 38 ލޯނެއް ނަގާފައިވެ އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު 2013 އިން 2018 އަށް 22 ލޯނެއް ނަގާފައިވެ އެވެ.

ބޮޑެތި ލޯނު ދިނީ ކޮން ބައެއް؟

ރާއްޖެ އިން އާއްމުކޮށް ބޮޑެތި ލޯނު ނަގާފައި ހުރީ ބިޔަ ބޮޑެތި މަޝްރޫއުތައް ހިންގާށާއި ސުނާމީއާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައި ގަންނާށެވެ. އެންމެ ބޮޑެތި މަޝްރޫއުތަކަށް ލޯނު ދީފައިވަނީ ޗައިނާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުންނެވެ. އެއީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ފްލެޓް މަޝްރޫއު ތަކަށެވެ.

ބޮޑެތި ލޯނު ދިން ފަރާތްތައް

  • ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (2006 ގައި) ސުނާމީއާ ގުޅިގެން: 50 މިލިއަން ޔޫރޯގެ ކްރެޑިޓް ލައިނެއް
  • ދަ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ (2010 ގައި) 1000 ފްލެޓް އަޅަން: 481 މިލިއަން ޔުއާން
  • ދަ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ (2012 ގައި) 1500 ހައުސިން ޔުނިޓު އަޅަން: 982,5 މިލިއަން ޔުއާން
  • ދަ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ (2016ގައި ) ހުޅުމާލެ ބްރިޖް އަޅަން: 455,6 މިލިއަން ޔުއާން
  • ސައޫދީ ފަންޑު ފޯ ޑިވްލޮޕްމަންޓް (2016 ގައި ވީއައިއޭ ތަރައްގީ ކުރަން: 375 މިލިއަން ރިޔާލް
  • އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (2019 ގައި) 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް

ރާއްޖޭން އާއްމު ގޮތެއްގައި ލޯނު ނަގަނީ ފަސް އަހަރާއި 20 އަހަރުން ދައްކާ ހަލާސް ކުރާ ގޮތަށެވެ. މި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް އާއްމު ގޮތެއްގައި އުޅެނީ ދެ ޕަސެންޓާއި ހަ ޕަސެންޓުގަ އެވެ. ރާއްޖެ އިން ލޯނު ނަގަމުން ދިއުމުގެ ސަބަބުން ރާއްޖޭގެ ދަރަނި ދަނީ މަތިވަމުންނެވެ.

ދެހާސް އަށާރަ ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ބަޖެޓުގެ ސީދާ ދަރަނި ހުރީ 48 ބިލިއަން ރުފިޔާގަ އެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 54 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 59 ޕަސެންޓުން އިތުރުވުމެކެވެ. ދައުލަތުގެ ދަރަނި (ގެރެންޓީކޮށްފައިވާ ދަރަނި ހިމެނޭ ގޮތަށް) 2018 ވަނަ އަހަރު ނިމުނުއިރު 59 ބިލިއަން ރުފިޔާގައި ހުރިއިރު 2019 ގެ ނިޔަލަށް މި އަދަދު ވަނީ 67 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 76 ޕަސެންޓުގެ އިތުރު ވުމެކެވެ.