ޓެކްސް

އަލަށް ނަގަން ފެށި ފުރާ ޓެކުހުން 102 މިލިއަން

އެއާޕޯޓްތަކުން ފުރާ މީހުންގެ އަތުން މި އަހަރު އަލަށް ނަގަން ފެށި "ޑިޕާޗާ" ޓެކުހުން މިހާތަނަށް 102 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނި ގޮތުގައި ޑިޕާޗާ ޓެކުހުން މިދިޔަ މަހު 51 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ މިހާތަނަށް ދެ މަހަށް ބަލާނަމަ ޖުމްލަ 102 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިހާތަނަށް ޑިޕާޗާ ޓެކްސް ލިބުނު ގޮތް

  • ޖެނުއަރީ- ފެބްރުއަރީ މަހު ޑޮލަރުން: 6.6 މިލިއަން ޑޮލަރު
  • ޖެނުއަރީ މަހު އެކަނި ޑޮލަރުން: 3.3 މިލިއަން ޑޮލަރު

މި އަހަރު 700 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދަން އަމާޒުކޮށް، އެއާޕޯޓް ތަކުން ފުރާ މީހުންގެ އަތުން ނަގާ ޓެކްސް ނަގަމުން ގެންދަނީ ޓެކްސް ރޭޓު ބޮޑުކޮށްގެންނެވެ. އަލަށް އަމަލު ކުރަން ފެށި މި ޓެކުހާއެކު 2016 ވަނަ އަހަރުން ފެށިގެން ނަގަމުން ދިޔަ އެއާޕޯޓް ސާވިސް ޗާޖު (އޭޑީސީ) ނެގުން ނެގުން ހުއްޓި ނަން ބަދަލުކޮށް ޓެކްސް ކުރާ އަދަދު ވަނީ ބޮޑުވެފަ އެވެ. އޭޑީސީ ނަގަމުން ދިޔައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ މީހުންގެ އަތުންނެވެ. ނަމަވެސް މިހާރު ނެގެސްފައިވާ ބަދަލާއެކު ރާއްޖޭގެ އެހެން އެއާޕޯޓަކުން ބޭރަށް ފުރިނަމަވެސް މި ޓެކްސް ނަގާނެ އެވެ.

މި ބަދަލުގެ ސަބަބަކުން އެންމެ އާއްމުކޮށް މީހުން ދަތުރު ކުރާ އިކޮނޮމީ ކްލާހުން ރާއްޖޭން ފުރާ ބިދޭސީންގެ އަތުން ނަގާ ޓެކްސް ބޮޑުވާނެ އެވެ. ނަމަވެސް މި ޓެކުހުން އިސްތިސްނާ ވެގެންވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ވާ މީހުން އަދި އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންނެވެ.

ޑިޕާޗާ ޓެކްސް ކުރާނެ ގޮތް

ޑިޕާޗާ ޓެކްސް ނުވަތަ އެއާޕޯޓް ބޭނުން ކުރާތީ ދައްކާ ޖެހޭ އެއާޕޯޓް ސާވިސް ޗާޖު ދައުލަތަށް ދައްކަން ލާޒިމްކޮށްފައިވަނީ އެއާލައިންތަކަށެވެ. އަދި މި ޓެކްސް ދައްކަން ލާޒިމްކޮށްފައިވަނީ އެމެރިކާ ޑޮލަރުންނެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ޑިޕާޗާ ޓެކުހުން މި އަހަރު ލިބޭނެކަމަށް ލަފާކުރާ އާމްދަނީއަކީ މި އަހަރުގެ ނިޔަލަށް އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާ އަޅާ ބަލާނަމަ 86.2 ޕަސެންޓުގެ އިތުރުވުމެކެވެ ޑިޕާޗާ ޓެކްސްގެ ގޮތުގައި މި އަހަރު 769 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ. އަދި އަންނަ އަހަރު މި އަދަދު 874 މިލިއަން ރުފިޔާގައި ހުންނައިރު 2023 ވަނަ އަހަރު މި އަދަދު 960 މިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.