މި އަހަރު 700 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދަން އަމާޒުކޮށް، އެއާޕޯޓް ތަކުން ފުރާ މީހުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށް ނަގަން ފަށައިފި އެވެ.
އެއާޕޯޓް ތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ޓެކްސްގެ ބަދަލުގައި ނަގަން ފެށި "ޑިޕާޗާ ޓެކްސް" ނެގުމުގެ އުސޫލުގެ ދަށުން ރެއިން ފެށިގެން ރާއްޖޭން ފުރާ މީހުންގެ އަތުން ޓެކްސް ނަގާނީ ބޮޑުކޮށެވެ. އަލަށް އަމަލު ކުރަން ފެށި މި ޓެކުހާއެކު 2016 ވަނަ އަހަރުން ފެށިގެން ނަގަމުން ދިޔަ އެއާޕޯޓް ސާވިސް ޗާޖު (އޭޑީސީ) ނެގުން ނެގުން ހުއްޓި ނަން ބަދަލުކޮށް ޓެކްސް ކުރާ އަދަދު ބޮޑުނެ އެވެ.
އޭޑީސީ ނަގަމުން ދިޔައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ މީހުންގެ އަތުންނެވެ. ނަމަވެސް މިހާރު ނެގެސްފައިވާ ބަދަލާއެކު ރާއްޖޭގެ އެހެން އެއާޕޯޓަކުން ބޭރަށް ފުރިނަމަވެސް މި ޓެކްސް ނަގާނެ އެވެ.
މި ބަދަލުގެ ސަބަބަކުން އެންމެ އާއްމުކޮށް މީހުން ދަތުރު ކުރާ އިކޮނޮމީ ކްލާހުން ރާއްޖޭން ފުރާ ބިދޭސީންގެ އަތުން ނަގާ ޓެކްސް ބޮޑުވާނެ އެވެ. ނަމަވެސް މި ޓެކުހުން އިސްތިސްނާ ވެގެންވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ވާ މީހުން އަދި އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންނެވެ.
ޑިޕާޗާ ޓެކްސް ކުރާނެ ގޮތް
- އިކޮނޮމީ ކްލާސް: ދިވެހިންގެ އަތުން 12 ޑޮލަރު
- އިކޮނޮމީ ކްލާސް: ބިދޭސީންގެ އަތުން 30 ޑޮލަރު
- ބިޒްނަސް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު
- ފަސްޓް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 90 ޑޮލަރު
- ޕްރައިވެޓް ޖެޓް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 120 ޑޮލަރު
ޑިޕާޗާ ޓެކްސް ނުވަތަ އެއާޕޯޓް ބޭނުން ކުރާތީ ދައްކާ ޖެހޭ އެއާޕޯޓް ސާވިސް ޗާޖު ދައުލަތަށް ދައްކަން ލާޒިމްކޮށްފައިވަނީ އެއާލައިންތަކަށެވެ. އަދި މި ޓެކްސް ދައްކަން ލާޒިމްކޮށްފައިވަނީ އެމެރިކާ ޑޮލަރުންނެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ޑިޕާޗާ ޓެކުހުން މި އަހަރު ލިބޭނެކަމަށް ލަފާކުރާ އާމްދަނީއަކީ މި އަހަރުގެ ނިޔަލަށް އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާ އަޅާ ބަލާނަމަ 86.2 ޕަސެންޓުގެ އިތުރުވުމެކެވެ.
ޑިޕާޗާ ޓެކްސްގެ ގޮތުގައި މި އަހަރު 769 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ. އަދި އަންނަ އަހަރު މި އަދަދު 874 މިލިއަން ރުފިޔާގައި ހުންނައިރު 2023 ވަނަ އަހަރު މި އަދަދު 960 މިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.