ރާއްޖޭގައި ވިޔަފާރި ކުރާ ބޭރުގެ ކުންފުނިތަކުން ލިބެން ޖެހޭ ޓެކްސް ފައިސާ ހަމައަށް ލިބޭނެކަން ކަށަވަރު ކުރުން މުހިންމު ކަމަށް މީރާގެ، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އުފެދުނުތާ 11 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ދެއްވި މެސެޖުގައި ފަތުހުﷲ ވިދާޅުވީ އިގްތިސޯދީ ދަތިހާލެއްގައި ގައުމުވާއިރު، ރާއްޖޭން ނަފާ ހޯދާ މަލްޓިނޭޝަނަލް ކުންފުނި ތަކުން ރާއްޖެ އަށް ލިބެން ޖެހޭ ޓެކްސް ހަމައަށް ލިބޭކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"އެހެންކަމުން މި ފަދަ ކުންފުނިތައް އޮޑިޓް ކުރުމުގެ ތަމްރީނާއި ހުނަރު މީރާގެ މުވައްޒަފުންގެ ކިބައިގައި އިތުރު ކުރުމަށް އެހީތެރިވެދީ އަމަލީ ގޮތުން މީރާގެ އޮޑިޓަރުންނާއެކު މަސައްކަތް ކޮށްދިނުމަށް އޯއައިސީ އާއި ޔޫއެންޑީޕީގެ އެހީގައި ހިންގާ ޓެކްސް އިންސްޕެކްޓާސް ވިތުއައުޓް ބޯޑާސް ޕްރޮގްރާމުގެ ދަށުން ޓްރާންސްފާ ޕްރައިސިން އޮޑިޓާ ގުޅޭ ނިއުޒީލޭންޑުގެ ތަޖުރިބާކާރެއް ހަމަޖައްސައިފި މިހާރު ވަނީ މީރާގެ އޮޑިޓަރުންނާއެކު މަސައްކަތް ފެށިފައި،" ފަތުހުﷲ ވިދާޅުވި އެވެ.
ކުރިން މީރާގެ އިސް މަގާމު ތަކެއް ވެސް ފުރުއްވާފައިވާ ތަޖުރިބާކާރު އޮޑިޓަރު، ފަތުހުﷲ ވިދާޅުވީ މީރާގެ ހިދުމަތް ފަސޭހަކޮށް ވަރުގަދަ ކުރަން ވެސް ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ. އެގޮތުން އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާނެ ކަމަށް ވިދާޅުވި އެވެ. އަދި މި ހާލަތުގައި ޓެކްސް ދައްކާ ފަރާތްތަކަށް ގާނޫނުގެ ތެރެއިން ދެވެން އޮތް ލުއިތަކެއް ދީފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ކޮވިޑުގެ ސަބަބުން ހިދުމަތް ދޭން ދަތިތަކަކާ ކުރިމަތިވި ނަމަވެސް މިދިޔަ އަހަރު ވެސް ރާއްޖޭގެ ދެ ސަރަހައްދެއްގައި އޮފީސް ހުޅުވާފައިވާނެ ކަމަށެވެ.